އިބްރާހިމް ޒަކީ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް މަދުކޮށް، އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް އިސްލާހު ކުރަން ޖެހޭ ތިންކަމެއް ސަރުކާރަށް ލާޒިމްކޮށް، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅޭ ޕާލަމެންޓްރީ އިންކުއަރީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އިސް ނަގައިގެން ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ބަލައި އެފަދަ މައްސަލަތައް ކުރިއަށްދާ ގޮތާއި، ދިމާވާ މައްސަލަތައް ބެލުމަށް ފަހު އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކަންތައްތަކެއް އެކުލަވާއި އެކަންތައްތައް ކަމާބެހޭ މުއައްސަސާތަކުން ތަންފީޒު ކުރުމަށް ލާޒިމުކޮށް މަޖިލީހުން ފާސްކުރުމަށް ހުށަހެޅި ރިޕޯޓެކެވެ.
މި ރިޕޯޓްގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގެ، ތަހުގީގުތައް ކުރިއަށްދާ ގޮތާއި، އެފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންނާ މެދު ކަންތައްތައްތައް ކުރަމުންދާ ގޮތާއިި، އެ ފަދަ މައްސަލަތައް ކޯޓު މަރުހަލާގައި ކުރިއަށްދާ ގޮތް ބަލައި އެކަމުގެ ތަފްސީލުތައް ވަނީ ހިމަނައިފައެވެ.
އެގޮތުން މައްސަލަތަކުގެ ތަހުގީގީ މަރުހަލާ އާއި ކޯޓުގެ މަރުހަލާ ލަސްވެ ހުކުމް އިއްވުން ދިގުދެމިގެން ދިއުމުގެ ސަބަބުން އެފަދަ ކުށްވެރިން ސަލާމަތް ވުމުގެ ފުރުސަތު ފަހިވެގެންދާ ކަން ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އެފަދަ ކުށްތައް ކުރާ ފަރާތްތަކުގެ ތެރެއިން ހުކުމް އިއްވާ ފަރާތްތަކުގެ އަދަދު މަދުކަންވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަން ފުރަތަމަ ކަމެއްގެ ގޮތުގައި ރިޕޯޓްގައި ހިމަނާފައި ވަނީ، ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް އިންސާފު ކަށަވަރު ކޮށްދިނުމަށާއި، ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސްކަތް ކުރާނެ ނިޒާމެއް ގާއިމު ކުރުމެވެ. އެނިޒާމުގެ ތެރެއިން އަނިޔާގެ މައްސަލަތައް ބަލައި ތަހުގީގުކޮށް، ދައުވާކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެހީތެރި ކަމާއި، ފަރުވާދީ، އިންސާފުވެރި އަވަސް ޝަރީއަތެއް ހިންގަން ބޭނުންވާ އިންޓަ އެޖެންސީ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއެއް އެކުލަވާލައި އަމަލުކުރުމެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެކަށައަޅަން ޖެހޭ ޗައިލްޑް ރައިޓްސް އޮމްބަޓްސްޕާސަން ހަމަޖެއްސުމަށް އަޅާ ފިޔަވަޅުތައް އެއް މަސްދުވަހުގެ ތެރޭގައި ކޮމިޓީއާ ހިއްސާކުރުން ވެސް ހިމެނެއެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަދި އެނޫންވެސް އަނިޔާތަކުގެ ތަފާސްހިސާބުތައް އެއްކޮށް، އެއް ނިޒާމެއްގެ ތެރެއިން އެފަދަ ހުރިހާ މައްސަލަތަކެއް އަޕްޑޭޓްކޮށް މޮނީޓާ ކުރުން ކަށަވަރު ކުރުމަށް އޮމްބަޓްސްޕާސަން އަޅާ ފިޔަވަޅުތައް ތިންމަސް ދުވަހުގެ ތެރޭގައި ކޮމިޓީއާ ހިއްސާ ކުރުމެވެ.
ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ ޒިންމާ މަތި ކޮށްފައިވާ ކޮންމެ މުއައްސަސާއަކަށް ހުށަހެޅޭ މައްސަލަތަކާ މެދު އަމަލު ކުރާ ގޮތް ސުޕަވައިޒް ކޮށް، ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާއާ އެއްގޮތަށް އަމަލު ކުރަމުންދާ ގޮތް ބަލައި، ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާތައް ގަވާއިދުން މުރާޖައާ ކުރާނެ އިންތިޒާމުތައް ހަމަޖެއްސުމެވެ.
އެންމެ ފަހު ކަމެއްގެ ގޮތުގައި ރިޕޯޓުގައި ކަނޑައަޅާފައިވަނީ، މައްސަލަ އަވަސް ކުރުމަށްޓަކައި، އެފަދަ މައްސަލަތައް ތަހުގީގު ކުރަން ވާނީ އެކަށީގެންވާ ތަމްރީން ލިބިފައިވާ ފަރާތްތަކުން ކަމަށާއި، ކުޑަކުދިންގެ ހައްގުތަކާބެހޭ މަސައްކަތްތައް ކުރާ ހުރިހާ މުވައްޒަފުންނަކީ، ކުއްޖާގެ މަސްލަހަތަށް އެންމެ ފައިދާ ވާނެ ގޮތަށް މަސައްކަތްކުރާ މުވައްޒަފުންކަން ކަށަވަރު ކުރުމަށް އަޅާ ފިޔަވަޅުތައް ތިންމަސްދުވަހުގެ ތެރޭގައި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއާ ހިއްސާ ކުރުމަށެވެ.
މި ރިޕޯޓް މިއަދު މަޖިލީހުން ފާސްްކުރީ ޖަލްސާގައި ތިބި 75 މެންބަރުންގެ ތެރެއިން 74 މެންބަރުން ފާސް ކުރަން ވޯޓު ދެއްވައިގެންނެވެ.