އިބްރާހިމް ޒަކީ
ބޯހިޔާވަހިކަމަށް ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން ދައްކަން ޖެހޭ ކުލީގެ 70 ޕަސެންޓް ސަރުކާރުން ދިނުމަށް ލާޒިމް ކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރު ކޮށްލައިފިއެވެ.
މި ގަރާރަށް ބަހުސްކުރުމަށްފަހު މަޖިލީހަށް ގަރާރު ބަލައިގަތުމަށް ނެގި ވޯޓުގައި، ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން، ގަރާރު ބަލައި ގަތުމަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ.
އެ ގަރާރު މަޖިލީހުުން ބޭރުކޮށްލީ، 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
މި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ވެރިރަށް މާލޭގައި ކަމަށެވެ. އަދި އެ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހިފައިވަނީ ކުއްޔަށް ކަމަށްވެސް ބުނެފައިވެއެވެ.
ޖާބިރު ވިދާޅުވީ، މާލޭގެ ކުލިތައް އަހަރުން އަހަރަށް ބޮޑުވަމުން ދާތީ، ތަންތަން ކުއްޔަށް ހިފައިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އަދި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދަކީ ކޮންމެ ރިޔާސީ ކެންޑިޑޭޓެއްގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނެ ކަމުގެ އުއްމީދުގައި ރައްޔިތުން އިންތިހާބުކުރާ ކޮންމެ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރުވެސް އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާ ކަމަށެވެ.
މިހާރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް، 20،000 ހައުސިން ޔުނިޓް އެޅުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
އެހެންކަމުން ސަރުކާރުގެ ބޯހިޔާވައިކަން ލިބުމާ ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެ ފަރާތްތަކުން ހަރަދު ކުރަން ޖެހޭ ފައިސާގެ %70 ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތުގެ ހަރުދަނާ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސައި އެ މަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކުރުމަށް ގަރާރުގައި ވަނީ ހިމަނައިފައެވެ.