މިފަހަރުގެ އޮސްކާ ހަފުލާގައި ކޮރެއާގެ ފިލްމު "ޕެރެސައިޓް' އަށް ބެސްޓް ފިލްމުގެ އެވޯޑު ލިބުން ފިޔަވައި ހައިރާންކަން ގެނެސްދިން އަނެއް ކަމަކީ ސެމްސަންގް އިން ނެރެން ނިންމާފައިވާ އާ ފޯނު ދައްކައިލުމެވެ.
ސެމްސަންގްގެ ލައްޕައިލެވޭ ފޯނު، ގެލެކްސީ ޒެޑް ފްލިޕް، އެވޯޑު ހަފުލާގައި ދައްކާލާފައި ވަނީ 30 ސިކުންތުގެ އިޝްތިހާރަކުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސެމްސަންގުން މިއަދު އާ ފޯނާއި ޕްރޮޑަކްޓްސްތަކެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ.
ފޯނާ ގުޅޭ އެހެން ގިނަ މައުލޫމާތުތަކެއް އަދި އާންމު ކޮށްފައި ނުވާއިރު މިވަގުތު ހަމަ އެކަނި އެނގޭހާ ވެސް ކަމަކީ ފޯނަކީ ހުޅުވައި ލެއްޕޭ ފޯނެއް ކަމެވެ. އޭގެ އަގާއި، ސްޕެކްސް އަދި ރަސްމީކޮށް ވިއްކަން ފަށާނެ ތާރީހެއް ވެސް އާއްމެއް ނުކުރެއެވެ. އެކަން މިއަދުގެ ސެމްސަންގެ އިވެންޓުން އެނގޭނެ ކަމަށް ބެލެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ގެލެކްސީ ޒެޑް ފްލިޕް ވާނީ މާކެޓަށް ނެރޭ އެންމެ ކުޑަ، ހުޅުވޭ ފޯނަށެވެ. މިދިޔަ އަހަރުވެސް ސެމްސަންގުން ވަނީ ހުޅުވޭ ފޯނެއް ރިލީސްކޮށްފައެވެ. އެއީ 4.6 އިންޗީގެ ފޯނެކެވެ. ހުޅުވޭއިރު ފޯނުގެ ދިގުމިން 7.3 އިންޗީގެ ޓެބްލެޓަކާ އެއްވަރު ވެއެވެ.
މޮޓޮރޯލާ އިންވެސް ވަނީ ހުޅުވޭ ފޯނެއް ބާޒާރަށް ނެރެފައެވެ. މޮޓޮރޯލާ ރޭޒާގެ ނަން ދީފައިވާ އެ ފޯނުގެ އަގަކީ 1500 ޑޮލަރެވެ. އެފޯނު ރިލީސްކުރީ މިމަހު ކުރީކޮޅެވެ.