ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ހިނދެއްގައި، ބޭނުން ކުރެވޭނެ ފެންވަރަށް އދ. މާމިގިލީ އެއާޕޯޓު ތަރައްގީކުރަން ނިންމައި އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިލާ ގްރޫޕުގެ ޗެއާމަން އަދި މަޖިލީހު މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރޭ ވިލާ ކޮލެޖުގައި ވިލާ ފައުންޑޭޝަނުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ އަލްޓެނޭޓިވް ގޮތެއްގައި ބޭނުން ކުރާނެ ރަންވޭއެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މި މަސައްކަތް ކުރަން ނިންމާފައިވަނީ މާމިގިލި އެއާޕޯޓުގައި ކަމަށާއި، އެ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާ ހުއްދަތައް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މި މަސައްކަތަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފެހި ސިގްނަލް ޕްލޭނިންގް މިނިސްޓްރީން ދީފައިވާ ކަމަށް ގާސިމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
ގާސިމް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށްވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި މާމިގިލީ އެއާޕޯޓު ތަރައްގީ ކުރުން ވެގެން ދާނީ އިންސާނިއްޔަތަށް ޓަކައިވެސް ކޮށްދެވޭ މުހިއްމު މަސައްކަތަކަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މި މަސައްކަތް ފެށުމަށް ބޭނުންވާ ހުއްދަތައް ނަގައި، މި ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އޭރު އެ މަސައްކަތް ހުއްޓާލައްވަން ޖެހިވަޑައިގަތީ "ސިޔާސީ އޮއިވަރުގައި" ސަރުކާރުން ވިލާ ކުންފުންޏަށް ދިން ހުއްދަތައް ހިފެހެއްޓުމުން ކަމަށް ގާސިމް ފާހަގަ ކުރެއްވިއެވެ.