ގައުމީ އެއާލައިން މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަން ތައާރަފުކޮށްފި އެވެ.
މޯލްޑިވިއަން އިން މި މޯބައިލް އެޕްލިކޭޝަން ތައާރަފުކޮށްފައި ވަނީ މިއަދު އެކަމަށް ހާއްސަކޮށްގެން މޯލްޑިވިއަން ޓިކެޓިން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެޕްލިކޭޝަން ތައާރަފުކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒުވީ އެވެ.
މޯލްޑިވިއަން އިން މައުލޫމާތު ދޭ ގޮތުގައި ގޫގުލް ޕްލޭގެ އިތުރުން އެޕް ސްޓޯރުންވެސް މިހާރު މި އެޕްލިކޭޝަން ޑައުންލޯޑު ކުރެވޭނެ އެވެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް އެ އެއާލައިނުގެ ފްލައިޓްތަކަށް ބުކިން ހެއްދޭނެއެވެ.
މީގެ އިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކޭނެ ކަމަށާއި ފްލައިޓް ޝެޑިއުލް ބަލައިގެން ދަތުރު ޕްލޭން ކުރުމުގެ އިތުރުން ތިމާ ކޮށްފައިވާ ދަތުރުތަކުގެ "ހިސްޓްރީ" ވެސް މި އެޕްލިކޭޝަނުން ބެލޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ހިންގާ ޕްރޮމޯޝަން ތަކުގެ މައުލޫމާތު ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ ގޮތް މޯލްޑިވިއަނުން ވަނީ ހަމަޖައްސާފަ އެވެ. އަދި މޯލްޑިވިއަނުން ދަތުރުކުރާ އެކި މަންޒިލްތަކަށް ތައާރަފު ކުރާ ފެއާގެ އަގުތައްވެސް މި އެޕްލިކޭޝަނުން ބަލައިލެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ އެޕްލިކޭޝަން ތައާރަފު ކުރި ނަމަވެސް އެ އެއާލައިނުގެ ކޯލް ސެންޓަރަށް ގުޅައިގެންނާއި ވައިބާ މެދުވެރިކޮށް އަދިވެސް ބުކިން ހެއްދޭނެ ކަމަށެވެ.