ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތު) ބަންދުން ދޫކޮށްލީ އިތުރަށް އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ސުމިތު ގެނެވުނު މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ސާފުކުރުމަށް ބޭނުންވާ ކަންތައްތައް ސާފުކޮށްފައިވާ ކަމަށެވެ.
އިއްޔެ ސުމިތު ހައްޔަރުކޮށް މިއަދު ދޫކޮށްލުމާ ގުޅިގެން ހަގީގަތް އޮޅޭގޮތަށް މީޑިއާގައި މައުލޫމާތު ފަތުރަމުންދާ ކަން ވެސް ފުލުހުންގެ ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މިއަދު ސުމިތު ދޫކޮށްލުމާ ގުޅިގެން ބައެއް ނޫސްތަކުގައި އޭނާ ދޫކޮށްލީ ފިއްތުންތަކަކާ ގުޅިގެން ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސުމިތު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓު ކައިރިންނެވެ. ފުލުހުންގެ ބަންދުން ސުމިތު ދޫކޮށްލާފައިވަނީ، ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވަނިކޮށެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ސިއްދީގު ވިދާޅުވީ އޭނާއަށް ހަމަލާދީފައިވަނީ ކުރިމިނަލް ކޯޓު ކައިރިން ސައިކަލުގައި ދުއްވާފައި ދަނިކޮށް، ބަހުގެ ހަމަލާތަކެއް ދޭން ފެށުމުން، ސައިކަލު މަޑުކޮށްލި ވަގުތު ކަމަށެވެ.
ސިއްދީގު ވިދާޅުވި ގޮތުގައި އޭނާއަށް ހަމަލާދިނީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ސުމިތުއެވެ. އަދި ސައިކަލު މަޑުކޮށްލުމާއެކު ސިއްދީގުގެ ބޮލުގައި ޖެހި ކަމަށާއި، އަދި ލޯމަތީގައި ވެސް ޖެހިކަމަށް ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ ދެ ފަހަރު ޖެހުމަށްފަހު، އަތުގައި އޮތް ފޯނު އަތުލަން ގަޔަށް އަތްލައި އޮޅުލުމުގެ ތެރޭގައި އަތުގެ އިނގިލިތަކަށް ތަދުވެ، އަތުން ލޭ އައިސްފައިވާ ކަމަށެވެ.
''ކުރިމިނަލް ކޯޓު ކައިރިން ދުއްވާފަ ދިޔައީ ބާޒާރު މައްޗަށް ދާން. ދަނިކޮށް ޒުވާބުކޮށް ވަގަށް ގޮވަން ހެދީމަ މަޑުކޮށްލީ. އެވަގުތު އައިސް ބޮލުގަވެސް ލޯމަތީގަވެސް ޖެހީ. ދެން ފޯނު އަތުލަން އޮޅުލާފަ އަތުން ލޭއައިސް އިނގިލިތަކަށް ތަދުވެފައި ހުރީ. އެވަގުތު އެސަރަހައްދުން ދިޔަ ފުލުހަކު އައިސް ސަލާމަތްކުރީ،'' ސިއްދީގު ވިދާޅުވިއެވެ.
ސިއްދީގު ވިދާޅުވީ ކުރިމިނަލް ކޯޓުގެ ބޭރުގައި ހުރި ދެ ކެމެރާ އާއި އެސަރަހައްދުގައި ހުރި ގިނަ ކެމެރާތަކުން ކަން ހިނގާދިޔަ ގޮތް ފެންނަން ހުންނާނެ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި އިއްޔެ ސުމިތު ހައްޔަރުކުރުމާއެކު ގިނަ ބަޔަކު އޭނާ ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.