އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު

ޝަރީފް، ޖާބިރަށް: ދައުލަތް ބަނގުރޫޓު ވާގޮތަށް ގަރާރު ހުށަހަޅާނެ ކަމެއްނެތް

އިބްރާހިމް ޒަކީ

ދައުލަތް ބަނގުރޫޓުވާ މަގަށް ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަ ނޭޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި ޑީއާރުޕީގެ ލީޑަރު އަބުދުﷲ ޖާބިރުގެ ކިބައިން އެދި ވަޑައިގެންފިއެވެ.

ޝަރީފް މިހެން ވިދާޅުވީ، ބޯހިޔާވަހިކަމަށް، ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން ދައްކަންޖެހޭ ކުލީގެ 70 ޕަސެންޓް ސަރުކާރުން ދިނުމަށް ލާޒިމް ކުރުމަށް ޖާބިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ގަރާރާ ބެހޭ ގޮތުންނެވެ.

ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަން އޮންނަން ޖެހޭ މީހެއް ކަމަށެވެ. އަދި ދައުލަތުގެ ސިޔާސަތުތައް ކަނޑައަޅަނީ ސަރުކާރުން ކަމަށާއި، އެއީ މަޖިލީހުން ގަބޫލު ކުރާ ސިޔާސަތެއް ނަމަ އެކަން ބަލައިގަނެ ރުހުން ދެނީ މަޖިލީހުގެ މަޝްވަރާގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކަންކަން ބަލައިގަނެ އެ ކަންތައްތައް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކޮށްފައިވާ ކަމަށާއި، އެހެންކަމުން ރައްޔިތުނަށް ސަރުކާރުން ކޮށްދޭ ންޖެހޭ އެތައްއެތައް ކަމެއް އެބަހުރި ކަމަށެވެ.

ޝަރީފް ވިދާޅުވީ، މަޖިލީހުން ބަޖެޓް ފާސްކޮށް ނިމޭ ފަހުން ދައުލަތުގެ މައްޗަށް އެކިއެކި ފައިސާ ހަރަދު ކުރުމަށް ކަނޑައަޅައި ގަރާރުތައް ފާސްކުރުމަކީ މަޖިލީހުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް ދެކޮޅު ހައްދަވާ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޕޮޕިއުލަރިޒަމްގެ ނަމުގައިވިޔަސް އެގްޒެކްޓިވް އޮތޯރިޓީގެ ތެރެއަށް އަތް ބޭނުއްވުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި މަޝްހޫރު ވުމަށް ޓަކައި މާ ހެޔޮ މީހަކަށް ވެގެން މަޖިލީހަށް ގަރާރުތައް ހުށަހަޅައިގެން ދައުލަތް ބަނގުރޫޓާ ދިމާލަށް އަމާޒު ހިފުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ކޮންމެ މެންބަރަކު މިތަނަށް އައިސް އަމިއްލައަށް މަޝްހޫރު ވާން ވެގެން ތިމާގެ ޖާހު ބޮޑުކުރަން ވެގެން، ރައްޔިތުންނަށް އޮޅުވާލަންވެގެން، ރައްޔިތުންނަށް މާ ހެޔޮ މީހަކަށް ހެދިގެން މިތަނަށް އައިސް ގަރާރުތައް ހުށަހަޅައިގެން ދައުލަތް ބަނގުރޫޓުވާ ދިމާލަށް އަމާޒު ހިފުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޝަރީފް ވިދާޅުވިއެވެ.