އިބްރާހިމް ޒަކީ
އެއްރަށާއި އަނެއްރަށް ގުޅުވައި، ކުޑައިމީސްކޮށް ވާހަކަ ނުދެއްކުމަށް، ނުވަތަ ޒުވާބު އުފެދޭ ގޮތަށް އެއްވެސް މެންބަރަކު ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް ރައީސް މިކަމަށް އިލްތިމާސް ކުރެއްވިއިރު، މާލެ އާއި ރާއްޖެ ތެރޭގެ ރައްޔިތުންގެ މެދުގައި ފަރަގު އުފެދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހައަކާ ގުޅިން ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔުންތައް ރައްދުވަމުންނެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވެފައިވަނީ، މާލެ އަކީ މާލޭ މީހުންގެ ރަށެއް ކަމަށެވެ. އަދި މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ ސިފަ ކުރައްވައި ހުސެއިން ވިދާޅުވީ، މާލެއަށް ދިމާވެފައިވަނީ ފަލަސްތީނުގެ ރައްޔިތުން އަތުން އެމީހުންގެ ބިންތައް އެހެން ބަޔަކު ފޭރިގަނެފައިވާ ފަދަ މައްސަަލައެއް ކަމަށެވެ.
އަދި ކޮންމެ ސަރުކާރަކުންވެސް މާލޭގެ ބިން ހިއްކުމަށް ފަހު ރަށްރަށުން މީހުން ގެނެސް މާލޭގައި ވަޒަންވެރިވުމުން މާލޭ ރައްޔިތުންނަށް ބިންކޮޅެއް ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް މިއަދު ވިދާޅުވީ، ރާއްޖޭގެ އެއްރަށާ އަނެއްރަށާ އަޅުވައި، ކުޑައިމީސްކޮށް ނުވަތަ ޒުވާބު އުފެދޭ ގޮތަށް، ވާހަކަ ދެއްކުމަކީ މުޅި ރާއްޖެއަށް ވަރަށް ގެއްލުން ބޮޑުވާނެ ކަމެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވި މިންވަރަކަށް ހަމަނުޖެހުން އުފެދުން ގާތްވާނެ ކަމަށެވެ. އަދި މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އުފެދި އެއީ މާލޭގައި ދިރިއުޅޭ، އަދި ދިރިއުޅެން އެދޭ އެންމެނަށްވެސް ދަތިވަމުންދިޔަ މިންވަރަކަށް ހަމަނުޖެހުން ފުންވަމުންދާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުވި މިންވަރަކަށް، ރިސޯސަސް މަދުވި މިންވަރަށް، ކޮންފްލިކްޓް، ހަމަނުޖެހުން އުފެދުން ގާތްވާނެ، މި މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އުފެދި އެއީ މާލޭގައި ދިރިއުޅޭ، އަދި ދިރިއުޅޭން އެދޭ އެންމެނަށްވެސް ދަތިވަމުންދިޔަ މިންވަރަކަށް އަޅުގަނޑަށް ފެންނަ ތަނުގައި މި ކޮންފްލިކްޓް ނުވަތަ ހަމަނުޖެހުން ފުންވަމުންދާނެ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެބާވަތުގެ ކަންކަން ފުޅާ ކުރުމަށް ސިޔާސީ ލީޑަރުންގެ ގޮތުގައި ތިބެ، ބާރު ނޭޅުން މުހިއްމު ކަމަށެވެ. އަދި ރާއްޖޭގެ ހާލަތާއި ރާއްޖޭގެ ކަންކަން ހަމައިން ނެއްޓިދާ ފަދަ އަމަލު ތަކަކީ ކޮބައިކަން މަޖިިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ސިޔާސީ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ އެބާވަތުގެ ކަންކަން ފުޅާ ކުރުމަށް އަޅުގަނޑުމެން ބާރު ނޭޅުން. އަދި އެއީ އަޅުގަނޑުމެންގެ އަމިއްލަ ދާއިރާ، ނުވަތަ އަޅުގަނޑު އިންތިހާބު ވެފައިވާ ދާއިރާގެ ރައްޔިތުންގެ ޖޯޝު އިތުރުވާނެ ކަމެއްގެ ގޮތުގައި ވިޔަސް ވެސް، އަދި އަޅުގަނޑުމެންގެ ކާބަފައިންގެ ޖޯޝު އިތުރުވާނެ ކަމެއް ކަމަށް ވިޔަސްވެސް އަޅުގަނޑުމެން އެކަމުގެ ތެރެއަށް ނުވަނުން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.