ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ކުއްޔަށް އުޅޭ މީހުންގެ ކުލީގެ 70 ޕަސެންޓް ސަރުކާރުން ދިނުމަށް ލާޒިމް ކުރުމަށް ޖާބިރު ގަރާރު ހުށަހަޅުއްވައިފި

އިބްރާހިމް ޒަކީ

ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން ދައްކަންޖެހޭ ކުލީގެ 70 ޕަސެންޓް ސަރުކާރުން ދިނުމަށް ލާޒިމް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެނީ ވެރިރަށް މާލޭގައި ކަމަށެވެ. އަދި އެ ފަރާތްތަކަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ބޮޑު އަދަދެއް ހަރަދު ކުރަން ޖެހިފައިވަނީ ކުއްޔަށް ކަމަށްވެސް ބުނެފައިވެއެވެ.

ޖާބިރު ވިދާޅުވީ، މާލޭގެ ކުލިތައް އަހަރުން އަހަރަށް ބޮޑުވަމުން ދާތީ، ތަންތަން ކުއްޔަށް ހިފައިގެން މާލޭގައި ދިރިއުޅޭ ފަރާތްތަކާއި، އަދި ބޯހިޔާވަހިކަން ބޭނުންވެފައި ތިބި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދަކީ ކޮންމެ ރިޔާސީ ކެންޑިޑޭޓެއްގެ ރިޔާސީ ވައުދެއް ކަމަށެވެ. އަދި އެ ވައުދު ފުއްދަވާނެ ކަމުގެ އުއްމީދުގައި ރައްޔިތުން އިންތިހާބުކުރާ ކޮންމެ ސަރުކާރެއްގެ ފަސް އަހަރުގެ ދައުރު ނިމިގެންދާއިރުވެސް އެ މައްސަލައަށް ހައްލެއް ގެނެވިފައިނުވާ ކަމަށެވެ.

މިހާރުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް، 20،000 ހައުސިން ޔުނިޓް އެޅުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

އެހެންކަމުން ސަރުކާރުގެ ބޯހިޔާވައިކަން ލިބުމާ ހަމައަށް ފާއިތުވެގެންދާ ދުވަސްތަކުގައި ކުލީގެ ގޮތުގައި އެ ފަރާތްތަކުން ހަރަދު ކުރަން ޖެހޭ ފައިސާގެ %70 ސަރުކާރުން އެފަރާތްތަކަށް ލިބިގެންދާނެ ގޮތުގެ ހަރުދަނާ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސައި އެ މަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކުރުމަށް ގަރާރުގައި ވަނީ ހިމަނައިފައެވެ.