އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)

އައިއޭސީގެ ސަދަގާތް ޖާރިޔާ ޕްރޮޖެކްޓުގެ ދަށުން ބަންގްލަދޭޝްގައި ދެވަނަ ފެންވަޅެއް ބަހައްޓައިފި

މަރިޔަމް ޝަހުދާ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީގެ ސަދަގާތް ޖާރިޔާ ޕްރޮޖެކްޓުގެ ދަށުން ބަންގްލަދޭޝްގައި ދެވަނަ ފެންވަޅެއް ބަހައްޓައިފި އެވެ.

ދިވެއްސެއްގެ އެހީތެރިކަމާ އެކު މި ފެންވަޅު ބަހައްޓާފައިވަނީ ބަންގްލަދޭޝްގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ޕަޓަކަލި، ޝިއަމްނަގަރްގެ ސަތުހިރާގައި ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. މި ފެންވަޅު ބޭނުން ކުރަން ފަށާފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

މިއީ އައިއޭސީން ބަންގްލަދޭޝްގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއެކު ސާފު ބޯފެން ފޯރުކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތެކެވެ.

މީގެ ކުރިން ޖެނުއަރީ މަހުވެސް އައިއޭސީން ވަނީ ދިވެހި އާއިލާއެއްގެ އެހީތެރިކަމާއެކު ބަންގްލަދޭޝްގައި ފެން ވަޅެއް ބަހައްޓާފައެވެ. އޭރު ފެންވަޅު ބެހެއްޓީ ބަންގްލަދޭޝްގެ ކުލްނާ ސިޓީގެ އަވަށެއް ކަމަށްވާ ކޮއިރާގަ އެވެ.

އައިއޭސީން ވަނީ މި ފުރުސަތު ދިވެހި އެހެން ރައްޔިތުންނަށްވެސް ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން އައިއޭސީގެ ސަދަގާ ޖާރިއާ ޕްރޮޖެކްޓުގެ ދަށުން ބަހައްޓާ ފެންވަޅުތައް ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަން އައިއޭސީން ފާހަގަ ކުރިއެވެ. އަދި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އައިއޭސީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް މައުލޫމާތު ސާފު ކުރެއްވުމަށް އައިއޭސީން އެދެއެވެ.