މިމަހުގެ 13 އިން 16 އަށް ދުބާއިގައި އޮންނަ ދުބާއި އިންޓަނޭޝަލް 13 އަހަރުން ދަށުގެ މުބާރާތަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު މިއަދު ފުރައިފިއެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމު ހިމެނިފައިވަނީ ގުރޫޕް "އީ" ގައެވެ. ގުރޫޕް ސްޓޭޖުގައި ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ރާއްޖެ ހިމެނޭ ގްރޫޕުގައި ދެން އޮތީ އިންގްލެންޑްގެ އާސެނަލްއާއި ސައުދީގެ އަލް ފަޓޭގެ އިތުރުން ޔޫއޭއީގެ އެސްއެސްއެސް އެވެ.
ރާއްޖެ ކުޅޭ ފުރަތަމަ މެޗް ކުޅޭނީ ޔޫއޭއީގެ އެސްއެސްއެސް އާ ދެކޮޅަށް މިމަހުގެ 13 ވަނަ ދުވަހު އެވެ. އަދި ހަމަ އެދުވަހުގެ ހަވީރު ސައުދީގެ އަލް ފަޓޭއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗް ރާއްޖޭ ކުޅޭނީ ދުނިޔޭގެ މަޝްހޫރު އިންގްލެންޑްގެ އާސެނަލްއާއި ދެކޮޅަށެވެ.
ރާއްޖެ ހިމެނޭހެން 12 ގައުމަކުން 24 ޓީމު ވަނީ މި މުބާރާތުގައި ބައިވެރި ވެފައެވެ. ދުނިޔޭގެ މަޝްހޫރު ކްލަބުތަކުން ވަނީ މި މުބާރާތުގައި ބައިވެރި ވެފައެވެ. އޭގެ ތެރޭގައި ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކް، އިނގެރޭސި ވިލާތުގެ އާސެނަލް، ސްޕެއިންގެ ރެއާލް މެޑްރިޑް، އިޓަލީގެ އިންޓަމިލާން އަދި އިނގެރޭސި ވިލާތުގެ އާސެނަލް ހިމެނެއެވެ.
މި މުބާރާތުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ވެގެން ދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މުބާރާތް ކުޅޭ ފީލްޑަށް ވަނީ ވިޒިޓް މޯލްޑިވްސްގެ ނަމުން ނަންދީފައެވެ.