ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިނިސްޓަ އޮފް ޖެންޑަ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ މަގާމަށް އައްޔަން ކުރެއްވި ހެންވޭރު ދޫރިހާ އާއިޝަތު މުހައްމަދުދީދީ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިމަހު ހަ ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން، ރާއްޖެއިިން އިންޑިއާއަށް ކަނޑައަޅުއްވާ ފައި ހުންނަވާ ސަފީރުގެ ގޮތުގައި ހުންނަވަނިކޮށް، އާއިޝަތު މުހައްމަދުދީދީ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރެއްވީ، މިދިޔަ އާދިއްތަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، އާއިޝަތު މުހައްމަދުދީދީ އިންޑިއާ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށްފަހު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ، ކޮމިޓީން ނިންމުމަށްފަހު މަޖިލީހަށް ރިޕޯޓް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ނަމަވެސް އެ މައްސަލަ ރައީސުލް ޖުމްހޫރިއްޔާ އަނބުރައި ގެންދަވަން އެދި ވަޑައިގެން، ޖެންޑާ މިނިސްޓަރު ކަމަށް އާއިޝަތު މުހައްމަދުދީދީ އައްޔަން ކުރުމުގައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވެވުމަށް، އަމީން އާއްމަށް މަޖިލިސް ރައީސް އެންގެވުމާ ގުޅިގެން އަމީން އާއްމު އެ ސިޓީފުޅު މަޖިލީހަށް އިއްވެވުމުން، އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
އާއިޝަތު މުހައްމަދުދީދީ މީގެ ކުރިންވެސް ވަނީ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވައިފައެވެ. އެއީ 2005 އިން ފެށިގެން 2008 ވަނަ އަހަރުގެ ނިޔަލަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައެވެ. އަދި އެކަމަނާއަކީ އިޖުތިމާއީ ދާއިރާއިން ގިނަ އަހަރުތަކެއް ވަންދެން ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ. އެގޮތުން އެކަމަނާ ވަނީ ތައުލީމު، ކުޑަކުދިން އަދި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހިލޭ ސާބަހަށް ވަކާލާތު ކުރައްވާފައި ކަމަށްވެއެވެ.
މީގެ އިތުރުން އައިޝަތު މުހައްމަދު ދީދީ ވަނީ ޖެންޑާ އީކުއަލިޓީ ކައުންސިލްގެ ޗެއާޕާސަންކަމުގެ މަގާމާއި، އދ ގެ ޓާސްކް ފޯސް އޮން ޖެންޑާ ގެ މެންބަރުކަމާއި، އދ ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަނިން ބޯޑުގެ ޗެއާޕާސަންކަމުގެ މަގާމުގެ އިތުރުން ކައުންސިލް ފޯ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއާޕާސަންކަމުގެ މަގާމު އަދި ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން އަދާ ކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ އިނގިރޭސިވިލާތުން މާސްޓާ އޮފް އާޓްސް ހާސިލްކުރައްވާފައެވެ. އަދި ލުބުނާނުން ބެޗެލާ އޮފް އާޓް އަދި ޑިޕްލޮމާ އިން ޓީޗިން ހާސިލް ކުރައްވާފައެވެ.