(08 ފެބުރުއަރީގެ އަދަދާ ގުޅޭ)
"އެކަމަކު އަޅުގަނޑަށް ހީވާގޮތުގައި ކުރިޔަށް ވަޑައިގަތުމުގެ ކުރީން އެކަލޭގެފާނު މިތާނގައި މަޑުކުރައްވައި މަދީނާއިން އިތުރު ލަޝްކަރު އަންނަންދެން އިންތިޒާރު ކުރައްވާނެއެވެ. އެކަލޭގެފާނު ޔަމާމާއިން މިތަނަށް ވަޑައިގަތީ ނުހަނު ހަލުއިކޮށް ދަތުރުކުރައްވައިފައެވެ. އެހެންކަމުން އެކަލޭގެފާނު ހުންނަވާނީ އަރާމުކުރައްވާންވެސް ބޭނުންފުޅުވެފައެވެ."
"ނޫނެކެވެ. މަދީނާއިން އިތުރު ލަޝްކަރު އައުމަށް އެކަލޭގެފާނު އިންތިޒާރު ކުރައްވާނަމަ އަދި ދުވަސްކޮޅަކު ޔަމާމާގައި އިންތިޒާރު ކުރެއްވީހެވެ. ޔަމާމާއިން އެކަލޭގެފާނު ކުއްލިޔަކަށް ފުރައިވަޑައިގެންނެވި ފުރައިވަޑައިގަތުން ދޭހަކޮށްދެނީ ކުޑަވެސް މަޑުޖެއްސެވުމަކާނުލައި ޢިރާޤަށް ޙަމަލަދެއްވާން ޤަޞްދު ކުރައްވާކަމެވެ."
ނަމަވެސް މިދިޔަ ހަފްތާގައި އެކަލޭގެފާނުގެ ސަފީރަކު ޔަމާމާއިން އައިސް އަޅުގަނޑުމެންނަށް ޚަބަރުދީފައިވަނީ އެކަލޭގެފާނު ޚަލީފާގެ އަރިހަށް އިތުރު އެހީއަށް އެދިވަޑައިގެން ލިޔުއްވައިފައިވާ ކަމަށާއި، ޖަވާބު ލިބިވަޑައިގަންނަވާންދެން ޔަމާމާގައި މަޑުކުރައްވާނެ ކަމަށެވެ."
مسعود ޖަވާބު ދެއްވިއެވެ. "ޚަލީފާ މަދީނާއިން ފޮނުއްވި އެހީފުޅު އެކަލޭގެފާނު ޔަމާމާއިން ފުރައިވަޑައިގަތުމުގެ ކުރީން ޔަމާމާއަށް ހިނގައްޖެއެވެ."
ކަލާ ތިޔަ ވިދާޅުވަނީ މި ދިހަހާސް ސިފައިންގެ ތެރޭގައި އެހީގެ ލަޝްކަރުވެސް ހިމެނޭކަމަށްތޯއެވެ؟"
مسعود بــن حــارثـــة ހިނިފުޅުވަޑުވައިލެއްވިއެވެ. خــالــد ގެ އެދިވަޑައިގަތުމަށް ފޮނުއްވާން ބޭނުންފުޅުކަމުގައި ޚަލީފާ ދެކެވަޑައިގަތީ އެންމެ ބޭކަލެކެވެ."
"އެންމެ ބޭކަލެކޭތޯއެވެ؟"
"އާދޭހެވެ!"
"އެއީ ކާކުތޯއެވެ؟"
"އެއީ قــعقـاع بــن عَمروالتّميمى އެވެ. އެކަލޭގެފާނު ފޮނުއްވަމުން أميـرالمؤمنـين خــالــد ގެ ސަފީރަށް އަންގަވައިފައިވަނީ އެލަޝްކަރެއްގައި قــعقـاع بــن عَمرو ހިމެނިވަޑައިގަންނަވާ ލަޝްކަރެއް ބަލިނުކުރެވޭނެ ކަމުގައެވެ."
"އަޚާއެވެ! އެކަލޭގެފާނު މިހާރު ކޮބައިތޯއެވެ؟"
"އަޅުގަނޑަށް ހީވާގޮތުގައި ކަލާވެސް އެކަލޭގެފާނު ދެކެވަޑައިގެންފީމުއެވެ. خــالــد ގެފާނުގެ އަރިހުގައި ހުދު އަސްކޮޅެއްގެ މަތީގައި އިންނެވީ އެކަލޭގެފާނެވެ. އެކަލޭގެފާނުވެސް އަސްކަރުގާހު ބެއްލެވުމުގައި خــالــد ގެފާނާ ބައިވެރިވެވަޑައިގެންނެވިއެވެ. އެއިރަކު އަޅުގަނޑަކަށްވެސް އެއީ ކޮންބޭކަލެއްކަމެއް ނޭނގެއެވެ. ނަމަވެސް އެކަލޭގެފާނު ފެނުމާއެކުވެސް އެއީ އާދައިގެ މީހަކަށް ނުވާނެކަން ވިސްނުނެވެ. އަމީރުގެ އަރިހުގައި އެކަލޭގެފާނު ފޭލިގެއަށް ވެދެވަޑައިގަތުމުން ޔަމާމާގެ މުޖާހިދަކު އަޅުގަނޑު ގާތު ބުނީ އެއީ قــعقـاع بــن عَمرو ކަމަށެވެ. أميـرالمؤمنـين އެކަލޭގެފާނު ފޮނުއްވީ خــالــد ގެފާނުގެ އެހީތެރިއެއްގެ ގޮތުން ކަމަށެވެ."
حسّان ވިދާޅުވިއެވެ. "އަޅުގަނޑަށް އެކަލޭގެފާނާ މެދަކު މާކަބޮޑަކަށް ވިސްނައެއް ނުލެވުނެވެ. އަޅުގަނޑުގެ ގާތުން ލައްވައިފައި އެބޭކަލުން ވަޑައިގެންނެވިއިރު އަޅުގަނޑަށް ހުރިހައި ސަމާލުކަމެއް ދޫކޮށްލައިގެން ހުރެވުނީ خــالــد بــن الـوليـد ގެ މައްޗަށެވެ. ކޮންމެއަކަސް أميـرالمؤمنـين أبوبكر ގެފާނު އެބޭކަލަކީ ލަޝްކަރެއްގެ ބަދަލުކަމުގައި ޚިޔާލުކުރައްވާ ބޭކަލަކުވާނީ އާދަޔާ ޚިލާފު ބޭކަލަކުކަމުގައެވެ."
مسعود ވިދާޅުވިއެވެ. "އަޅުގަނޑު އެކަލޭގެފާނާ ބެހޭގޮތުން ވަރަށް ޙައިރާންވާކަހަލަ ވާހަކައެއްވެސް އަޑުއެހީމެވެ. މަދީނާގެ ލަޝްކަރުގެ އޮފިސަރަކު އަޅުގަނޑުގާތު ވިދާޅުވިގޮތުގައި قــعقـاع بــن عَمرو ހުސްއަތްޕުޅާ ސިންގާ ކޮއްޓަކަށް ވެދެވަޑައިގެންނެވިކަމުގައިވިޔަސް އެއީ ޢަޖައިބުވާންވީ ކަމެއްނޫނެވެ."
حسّان ވިދާޅުވިއެވެ. "އީރާނަކީ ސިންގާ ކޮއްޓެކޭ އަޅުގަނޑެއް ނުބުނާނަމެވެ. ނަމަވެސް ދުނިޔޭގެ ބޮޑުބާރެއްގެ މައްޗަށް ފަތަޙަ ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ފުދޭވަރަކަށް ސިފައިން ބޭނުންވާނެއެވެ."
مسعود ޖަވާބުދެއްވިއެވެ. "އީރާނުގައި އިސްލާމީ ދިދަ ވިހުރުވުމަށްޓަކައި ބޭނުންވާނީ ކިހާ ސިފައިންނެއްކަން ކަނޑައެޅުއްވޭނީ ހަމައެކަނި أميـرالمؤمنـين أبوبكر الصّدّيق رضى اللّـه عنــه އަށެވެ. ނަމަވެސް އަޅުގަނޑު ކަލާއަށް ޔަޤީންކަން އަރުވަމެވެ. އަޅުގަނޑުމެންނަށް އެއްވެސް މައިދާނެއްގައި އިތުރު ސިފައިން ބޭނުންވެއްޖެނަމަ أميـرالمؤمنـين އަޅުގަނޑުމެން މާޔޫސެއް ނުކުރައްވާނެއެވެ.
معـنّـى بــن حــارثـــة ފޭލިގެއިން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އެތަނަށް ޖަމާވަމުންދިޔަ ސިފައިންނާ މުޚާޠަބުކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. "حسّان ވަޑައިގެންވީ ކޮންތަނަކު ހެއްޔެވެ؟ އޭނާ ހޯދާށެވެ!"
ސިފައިން حسّان އަށް ގޮވަމުން އެކިދިމަދިމާޔަށް ފެތުރިގެންފިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި حسّان ދުވެވަޑައިގެންފައި އެފޭލިގެއާ ދިމާޔަށް ވަޑައިގެންފިއެވެ. އޭނާ ފެނިވަޑައިގަތުމާއެކު معـنّـى ވިދާޅުވިއެވެ. "أميـرخــالــد ކަލާ އެބަހޯއްދަވައެވެ."
حسّان އަވަސްއަވަހަށް ފޭލިގެއަށް ވެދެވަޑައިގެންފިއެވެ. خــالــد بــن الـوليـد އާއި مثــنّـى بــن حــارثـــة އާއި، قــعقـاع بــن عَمرو އާއި ބަޙުރައިނުގެ ބައެއް ޝައިޚުން ސަޓައެއްގެ މަތީގައި އިށީނދެވަޑައިގެން ވާހަކަ ދައްކަވާން ތިއްބެވިއެވެ. خــالــد بــن الـوليـد ގެ ކުރިފުޅުމަތީގައި ޗާޓެއް ފަތުރުއްވައިފައި އޮތެވެ.
مثــنّـى ވިދާޅުވިއެވެ. "މިހުންނެވީ حسّان އެވެ."
خــالــد بــن الـوليـد حسّان އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެކަލޭގެފާނު ޗާޓު ފަށްޖައްސަވައިފައި އެއްފަރާތެއްގައި ބާއްވަވަމުން ވިދާޅުވިއެވެ. "ކަލާ ކިސްރާގެ ސިފައިންގެ ތެރޭގައި އުޅުއްވީމުތޯއެވެ؟"
"އާދޭހެވެ."
"ރޫމީންގެ ޤައިދުގައިވެސްތޯއެވެ؟"
"އާދޭހެވެ."
"އިށީނދެވަޑައިގަންނަވާށެވެ!"
حسّان ނުހަނު އަދަބުވެރިކަމާއެކު خــالــد بــن الـوليـد ގެ ކުރިފުޅުމަތީގައި އިށީނދެވަޑައިގެންފިއެވެ.
خــالــد ގެފާނު އިރުކޮޅަކު ހިމޭނުން އިންނަވައިފައި ވިދާޅުވިއެވެ. "ހުރުމުޒުގެ އަރިހަށް އަޅުގަނޑުގެ ސިޓީއެއް ގެންދެވުމުގައި ކަލާ ނުރައްކަލެއް އިޙްސާސެއް ނުކުރައްވާނުތޯއެވެ؟ އަޅުގަނޑަށް އަޑުއިވިފައިވާ ގޮތުގައި އޭނާއަކީ ވަރަށްބޮޑު އަނިޔާވެރިއެކެވެ. ކަލާ ހައްޔަރުކޮށްގެން ގެންގޮސްދިން މީހަކަށް އިނާމު ދެއްވުމަށްވެސް އޭނާވަނީ އިޢުލާނު ކުރައްވައިފައެވެ."
حسّان ޖަވާބުދެއްވިއެވެ. "އަޅުގަނޑަށް އޭނާގެ އަރިހުގައި އޭނާގެ ހިސާބު ހަމަޖެއްސުމުގެ ދުވަސް ވަރަށް ކައިރިވެއްޖެއޭ ދެންނެވިއްޖެނަމަ އެއީ އަޅުގަނޑުގެ ޙަޔާތުގައި ލިބޭނެ އެންމެ ބާއްޖަވެރިކަމެވެ. އަޅުގަނޑު ދެކޭނީ އެއީ އަޅުގަނޑަށް ލިބޭނެ އެންމެ ބޮޑު ނަސީބުކަމުގައެވެ."
"ނަމަވެސް އެއްވެސްކަމަކާނުލައި ކަލާގެ ފުރާނަފުޅު ނުރައްކަލުގެ ތެރެއަށް ވައްޓައިލާކަށެއް އަޅުގަނޑެއް ނޭދެމެވެ. ކަލާގެ ބަދަލުގައި މިހިސާބުގަނޑުގެ އިތުބާރުހުރި ކޮންމެވެސް މީހަކާ އަޅުގަނޑުގެ ސިޓީ ހަވާލުކުރުން ރަނގަޅެއް ނުވާނެބާއެވެ؟ މިހިސާބުގަނޑުގެ ޤަބީލާތަކުގެ ހިލޭސާބަހަށް ޚިދުމަތްކުރާ އެތައްބަޔަކު އެކަން ކޮށްދޭން އެއްބަސްވެދާނެއެވެ."
حسّان ޖަވާބުދެއްވިއެވެ. "ހުރުމުޒުގެ އަރިހަށް ކަލޭގެފާނުގެ ސިޓީފުޅު ކޮންމެ މީހަކު ގެންދިޔަކަމުގައިވިޔަސް އެމީހަކަށް ނުރައްކާތެރިކަންވާނީ އެއްވަރެވެ. އަޅުގަނޑު ކަލޭގެފާނަށް ޔަޤީންކޮށް އަރުވަމެވެ. ހުރުމުޒުގެ އަވަށަކު އަޅުގަނޑު ދަންނަ އެކަކުވެސް ނުހުންނާނެއެވެ. އަޅުގަނޑާމެދު ބެލެވޭނީ ހަމައެކަނި ކަލޭގެފާނުގެ ސަފީރެއްގެ ޙައިޘިއްޔަތުންނެވެ. އޭނާއަށް ކަލޭގެފާނުގެ ސަފީރަކާ ދިމާޔަށް އަތްޕުޅު އުފުއްލަވައިލައްވަން ކެރިވަޑައިގެންނެވި ކަމުގައިވިޔަސް އެހެންކޮންމެ މީހަކަށްވުރެ އަޅުގަނޑަށް ސަލާމަތްވެވުމުގެ އެކަށޭނަކަން މާބޮޑެވެ. އެހެނީ ދަތުރުކުރާ މަގުމަތީން ދިމާވާ ނުރައްކަލުގެ ވަގުތުގައި އިތުބާރުކުރެވޭނެ ޤަބީލާތައް އަޅުގަނޑަށް މާރަނގަޅަށް އެނގޭނެއެވެ. އަދި އަޅުގަނޑު ކަށަވަރުކަމާއެކު ދަންނަވަމެވެ. ހުރުމުޒުގެ ލަޝްކަރާމެދު އަޅުގަނޑު ހޯދާވަރަކަށް އެހެން އެކަކަށްވެސް މަޢުލޫމާތެއް ނުހޯދޭނެއެވެ."
خــالــد ގެފާނު ވިދާޅުވިއެވެ. "ވަރަށް ރަނގަޅެވެ. އިރުއޮއްސުމާއެކު ކަލާ މިތަނުން ދަތުރު ފައްޓަވާށެވެ. ވީހައިވެސް އަވަހަކަށް އެނބުރި ވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވާށެވެ."
حسّان ޖަވާބު ދެއްވިއެވެ. "މިހާރު ދަތުރު ފެށިއްޖެނަމަ އިރުއޮއްސުމުގެ ކުރީން އަޅުގަނޑަށް އެކަށީގެންވާ މަރުޙަލާތަކެއް ކަޑައްތު ކުރެވިދާނެއެވެ. ދަތުރުގެ ފުރަތަމަ މަންޒިލާ ދެމެދުހުރި އަވަށްއަވަށުގައި ދުވާލުވެސް ނުރައްކަލެއް ނޯންނާނެއެވެ."
"ވަރަށް ރަނގަޅެވެ. ކަލާ އަސް ތައްޔާރުކުރައްވާށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ސިޓީ ކަލާއަށް ލިބިވަޑައިގެންފާނެއެވެ."
حسّان ފޭލިގެކޮޅުން ނުކުމެވަޑައިގެންފިއެވެ. خــالــد بــن الـوليـد އެކަލޭގެފާނުގެ ކާތިބުލައްވައި ސިޓީ ލިޔުއްވާން ފަށްޓަވައިފިއެވެ. ހުރުމުޒަށް އެކަލޭގެފާނު ލިޔުއްވި ސިޓީފުޅު ވަރަށް ކުރެވެ. އެސިޓީފުޅުގައިވަނީ، ތިބާ ޞުލްޙަޔަށް ލޯބިކުރައްވާނަމަ އިސްލާމްވެވަޑައިގަންނަވާށެވެ. ނުވަތަ އަޅުގަނޑުމެންގެ ކިޔަމަނުގައި ވެވަޑައިގެން ޖިޒީ ދެއްވާށެވެ. މިދެގޮތުންކުރެ ގޮތެއް ޤަބޫލު ނުކުރައްވާނަމަ ހިތާމަކުރައްވާން ޖެހިވަޑައިގެންފާނެއެވެ. ތިބާއަށް ކުރިމަތިލައްވާން ޖެހިވަޑައިގަންނަވާނީ ތިޔަބޭފުޅުން ދިރިތިއްބެވުމަށް ލޯބިކުރައްވާ ވަރަށްވުރެ މާބޮޑަށް މަރުދެކެ ލޯބިވާ ބަޔަކާއެވެ." މިފަދައިންނެވެ.
އިރުކޮޅެއްގެ ފަހުން خــالــد ގެ ފޭލިގެކޮޅުގެ ބޭރުގައި مثــنّـى އާއި އެކަލޭގެފާނު އަޚުން حسّان ގެ ދަތުރުފުޅު އެރެހައްޓަވާން ތިއްބެވިއެވެ. مثــنّـى حسّان އާ މުޞާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "حسّان އެވެ. މިހާރު ކަލާގެ ގާތްމީހުންގެ ޙާލުބެއްލެވުމެއް މިހާރަކު އަޅުގަނޑު މަނައެއް ނުކުރާނަމެވެ. އެބޭފުޅުންގެ މުޞީބަތުގެ ދުވަސްތައް ނިމޭންއުޅޭކަމުގެ އުފާވެރި ޚަބަރު ކަލާއަށް ދެއްވިދާނެއެވެ. އަދި އެކަށީގެންވާ ދަނޑިވަޅެއް ލިބިވަޑައިގެންފިނަމަ މުޞީބަތުގެ ވަގުތުގައި ކަލާއަށް އެހީވެދެއްވި އިޚްލާޞްތެރި އީރާނީ އެކުވެރީންގެ ގާތަށް ވަޑައިގެންނެވިއަސް އެންމެ ރަނގަޅެވެ. ނަމަވެސް ވީހައިވެސް އަވަހަކަށް އެނބުރި ވަޑައިގެންނެވޭތޯ ބައްލަވާށެވެ. ކަމަކާނުލައި އެއްވެސް ނުރައްކަލަކަށް ހުރަހޮޅިވަޑައި ނުގަންނަވާށެވެ."
حسّان އަސްމައްޗަށް އަރައިވަޑައިގަންނަވާން ތައްޔާރުވެވަޑައިގެންނެވިތަނާ ވަރަށް އިސްކޮޅުފުޅު ދިގު ބޭކަލެއް އެތަނަށް ވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "މަޑުކުރައްވާށެވެ!"
حسّان މަޑުކޮށްލެއްވިއެވެ. އެހައިބަތުހުރި އިންސާނާގެ މުޅި ވުޖޫދުންވެސް ދިރުމާއި އާރޯކަމާއި ހަކަތައިގެ ނިޝާންތައް ފެންނާން ހުއްޓެވެ. އެކަލޭގެފާނު ކުރިޔަށް ވަޑައިގެން حسّان އާ މުޞާފަޙާ ކުރެއްވުމަށްޓަކައި އަތްޕުޅު ދިއްކޮށްލައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަމަކީ قــعقـاع އެވެ. އަޅުގަނޑު މިއުޅެނީ އަޖަމީންގެ ހަނގުރާމައިގެ ފަންނުތައް ދަންނަ މީހަކު ހޯދާންވެގެންނެވެ. ދެންމެ ވާހަކަ ދައްކާން ތިބިއިރު އަޅުގަނޑު ވަރަށްގިނަ ސުވާލުކުރާން ބޭނުންވިއެވެ. ނަމަވެސް އަޅުގަނޑަށް އެއްޗެއް ބުނާނެ ފުރުޞަތެއް ނުލިބުނެވެ. އެކަމަކު އަޅުގަނޑު މިހާރަކު ކަލާގެ ވަގުތު ނަގައެއް ނުލާނަމެވެ."
حسّان ވިދާޅުވިއެވެ. "އަޅުގަނޑުވެސް ކަލޭގެފާނާ ވާހަކަދައްކާހިތް އޮތްލެއް ވަކި ކުޑައެއް ނޫނެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. މަދާއިނަށް ދަތުރުކުރާ މަގުމަތީގައި ވާހަކަ ދައްކާނެ ފުރުޞަތު ކިތަންމެ ވަރަކަށްވެސް ލިބޭނެއެވެ."
حسّان قــعقـاع އާ މުޞާފަޙާ ކުރެއްވުމަށްފަހު އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ. އޭނާގެ ދަތުރުފުޅު އެރެހައްޓަވާން ތިއްބެވި ބޭފުޅުންނަށް އިރުކޮޅެއްގެފަހުން އިރުއުތުރު ފަރާތުން ހިރަފުހުގެ ފަނޑުފަނޑު ރޮގެއް ފެނިވަޑައިގަންނަވާން ހުއްޓެވެ.
(ނުނިމޭ)