އިބްރާހިމް ޒަކީ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާއި އެ ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމުލަ ހަތަރު މެންބަރަކު ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިގޮތަށް ނިންމީ ކެބިނެޓްގެ 13 ވަޒީރަކު މިއަދު އެ ކޮމިޓީއަށް ހާޒިރު ކުރައްވައިގެން ސިވިލް ސާވިސް ކޮމިޝަނާ ބެހޭ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާ ތަކަކަށް ފަހުގައެވެ.
އެ މަޝްވަރާ ތަކަށްފަހު ކޮމިޓީން ނިންމާފައިވަނީ، ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު ޒަކަރިއްޔާ ހުސައިން އާއި އިބްރާހީމް ޝަހީގު ކޮމިޝަނުން ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ.
ފަސް މެންބަރުންގެ މައްޗަށް ހިމެނޭ، އެ ކޮމިޝަންގައި ހިމެނި ވަޑައިގަންނަވާ ހަމަ އެކަނި އަންހެން މެންބަރު، ފާތުމަތު އާމިރާ މަގާމުން ވަކިކުރަން ކޮމިޓީން ނިންމާފައެއް ނުވެއެވެ. އާމިރާ ސިއެސްސީއަށް އައްޔަން ކުރެއްވީ މި ވެރިކަމުގަ އެވެ. ނަމަވެސް ދެން ކޮމިޝަންގެ ތިއްބެވި މެންބަރުންނަކީ ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ކޮމިޝަނަށް އައްޔަން ކުރެއްވި ބޭފުޅުންނެވެ.
މިނިވަން މުއައްސަސާގެ މިއަދުގެ ބައްދަލުވުގައި ވަޒީރުން ވަނީ ސިއެސްސީން ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ބައެއް މިނިސްޓަރުން ވިދާޅުވީ، ސިވިލް ސާވަންޓުންނަށް ވަޒީފާ ދީ ވަޒީފާއިން ވަކިކުރުމުގައި އުސޫލާއި ހިލާފު ކަންތައްތަކެއް ކޮމިޝަނުން ކޮށްފައިވާ ކަމަށެވެ. އަދި ސިވިލް ސާވަންޓުންގެ މައްސަލަތަކެއް ވެސް ބައެއް ވަޒީރުން ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން ސިއެސްސީގެ ރައީސް ސިޔާސީ ބައެއް ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާ ކަމަށާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވާ ކަންވެސް ބައެއް ވަޒީރުން ފާހަގަ ކުރެއްވިއެވެ.
އެހެންކަމުން އެންމެ ރަނގަޅަށް ސީއެސްސީއަށް މަސައްކަތް ނުކުރެވޭ ކަމަށާއި، ސިއެސްސީގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ވަޒީރުން ވިދާޅުވިއެވެ. ސީއެސްސީގެ މައްސަލައިގައި ކޮމިޓީއަށް ވަޒީރުން ހާޒިރު ކުރުމުގެ ކުރިންވެސް ސީއެސްސީގެ ވެރިންގެ މައްސަލަތަކެއް އެ ކޮމިޓީން އަންނަނީ ބަލަމުންނެވެ.