ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފު ވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ދައުވާކޮށް، މައްސަލަ ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އަދުހަމްގެ މައްޗަށް އުފުލާފައި ވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށެވެ. މައްސަލަ ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ ކަމަށް ޕީޖީން ބުނެއެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ގާސިމް މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ބޭނުމުގައި ބިރުދައްކަން އުޅުމުގެ ތެރޭގައި ކަމަށް އަދުހަމް އިއުތިރާފުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ ގާސިމް މަރާލި ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގަ އާއި، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ވެސް އިއުތިރާފު ވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އަދުހަމްގެ އިއުތިރާފު މި މައްސަލައިގައި އޮތް ނަމަވެސް، އޭނާގެ މައްޗަށް ޝަރީއަތް ކޮށްގެން ކުށް ސާބިތުވާނެ ވަރަށް ހެކި ހޯދާނެ ކަމަށެވެ. އަދި މިހާރު ވެސް މުހިންމު ފޮރެންސިކް ހެކިތައް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ގާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އަދުހަމް އަކީ އެކިއެކި ކުށްތަކުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާގެ މައްޗަށް މިދިޔަ މަހު ވަނީ ވައްކަމުގެ މައްސަލައެއް ސާބިތުވެ، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވައިފައެވެ.