ސުޕްރީމް ކޯޓް

ކައުންސިލް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ރެކޯޑު ވަގުތުން ދޫކުރުމުގެ އިންތިޒާމު ސުޕްރީމް ކޯޓުން ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު 2020 އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020ގެ ކެންޑިޑޭޓުންނަށް އެމީހުންގެ ރެކޯޑުތައް ނިންމުމަށްފަހު ވަގުތުން ދޫކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިހެން ބުނެފައިވަނީ މިއަދު އެކޯޓުން ކުރި އިއުލާނެއްގައެވެ.

ސުޕްރީމް ކޯޓުން ބުނީ 10 ފެބުރުވަރީ 2020 އިން ފެށިގެން، އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހު ކަމުގައިވާ 24 ފެބުރުވަރީ 2020 ވަނަ ދުވަހުގެ ނިޔަލަށް މި ގޮތަށް އަމަލުކުރަމުން ގެންދާނެ ކަމަށެވެ. އިންތިހާބު ބޭއްވުމަށް އިލެކްޝަނުން ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލް މަހު ހަތަރު ވަނަ ދުވަހުއެވެ.

މި އިންތިހާބުގެ ބޭނުމަށް ރެކޯޑު ސާފުކޮށްދިނުމުގެ ހާއްސަ އިންތިޒާމުތަކެއް ޑީޖޭއޭ އިން ވެސް ވަނީ ހަމަޖައްސާފައެވެ. އެ ގޮތުން އާދިއްތައިން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 8:00 އިން 16:30 އަށް، ހުކުރު ދުވަހު 14:30 އިން 17:00 އަށް އަދި ހޮނިހިރު ދުވަހު 10:00 އިން 16:30 އަށް އެ ޑިޕާޓްމަންޓަށް ގޮސް މި މައުލޫމާތު ސާފު ކުރެވޭނެ ކަމަށް ޑީޖޭއޭ އިން ވަނީ ބުނެފަ އެވެ.