މީސްމީޑިއާގައި ދައުރުވަމުންދާ ކުޑަކުދިން ހިމެނޭ ވީޑިއޯ އެއްވެސް ފަރާތަކުން ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިހެން ބުނެފައި ވަނީ އެ މިނިސްޓްރީން ރޭ ކުރި ޓުވީޓެއްގައެވެ.
ޖެންޑާ މިނިސްޓްރީން އެ ވީޑިއޯގެ މައްސަލައިގައި މި ގޮތަށް މި ޓުވީޓުކުރި އިރު، ވީޑިއޯ ލީކުކޮށްލީ އެ މިނިސްޓްރީ ތެރެއިން ކަމަށް ދޭހަވާ ފަދަ ގޮތަކަށް ބައެއް ފަރާތްތަކުން ދަނީ މީސްމީޑިއާގައި ވާހަކަ ދައްކަމުންނެވެ. ޖެންޑާގެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އެ ވީޑިއޯ އެ މިނިސްޓްރީއަށް ކުރީން ލިބިފައެއް ނުވެ އެވެ.
"މީސްމީޑިއާގައި ދައުރުވަމުންދާ ކުޑަކުދިން ހިމެނޭ ވީޑިއޯ އެއްވެސް ފަރާތަކުން މިނިސްޓްރީއާ ހިއްސާކޮށްފައެއް ނުވޭ. މިނިސްޓްރީއަށް އެ ވީޑިއޯ ލިބިފައިވަނީ އިއްޔެ މީސްމީޑިއާ މެދުވެރިކޮށް" ޖެންޑާ މިނިސްޓްރީން ބުންޏެވެ.
އެމައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުން ޓުވިޓާގައި ބުނެފައިވަނީ އެވީޑިއޯ އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ވީޑިއޯއެއް ކަމަށާއި، އެވީޑިއޯ ނެގި ފަރާތުން އެކުދިންގެ ބެލެނިވެރިންނަށް ދައްކާފައިވާ ކަމަށާއި، އެއަށްފަހު އެ ވީޑިއޯ ޖެންޑާ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ވީޑިއޯ އާންމު ވެފައި އެ ވަނީ ޖެންޑާ މިނިސްޓްރީން ތޯ އެފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ.
އެކަމަށް ރައްދު ދެއްވައި ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ފުލުހުންނާއެކު ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ހުރަސްއެޅޭ ފަދަ ގޮތްގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ހޮނިހިރު ދުވަހު އާންމުވި ވީޑިއޯ މިހާރު ވަނީ ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ ސަމާލު ކަމަށް އައިސްފައެވެ.
ޖެންޑާ އިން ބުނީ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އެ ކުދިން ދެނެގަނެވޭ ފަދަ ވީޑިއޯ، ފޮޓޯ ނުވަތަ މައުލޫމާތު އާންމުކޮށް، އިތުރަށް ވިކްޓިމައިސް ކުރުމުގެ ބަދަލުގައި، އެ ބާވަތުގެ މައްސަލަތައް ފުލުހަށާއި މިނިސްޓްރީ އަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.