އިބްރާހިމް ޒަކީ
ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭން މިހާރު ރާއްޖެއަށް އަންނަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ހުށަހެޅުއްވި ވިޔަފާރީގެ ދާއިރާއިން ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލުގެ ބަހުސްގައި އީވާ ވިދާޅުވީ، މޮނިޕޮލައިސް ކުރެވިފައިވާ ވިޔަފާރި ތަކަކީ އެތަންނުން ދޭ ހިދުމަތްތައް ރަނގަޅު އަގުގައި ފޯރުކޮށްދޭ ތަންތަން ނޫން ކަމަށެވެ. އަދި ހެޔޮ އަގުގައި ކޮލިޓީ ރަނގަޅު ހިދުމަތްތަކެއް ދީ އާ އީޖާދުތައް އުފެއްދުމަށް ހިދުމަތްދޭ ފަރާތްތަކަށް މަޖުބޫރު ކުރުވޭނީ މޮނޮޕޮލީތައް އުވާލެވިގެން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
އިވާ ވިދާޅުވީ، އެގޮތުން ރާއްޖޭގައި ޓެލްކޮމްގެ ހިދުމަތްދޭ ދިރާގާއި އުރިދޫން ދޭ ހިދުމަތްތަކަކީ ވެސް ފެންވަރު ދަށް އަގު ބޮޑު ހިދުމަތްތަކެއް ކަމަށެވެ. އެހެންކަމުން އިތުރު ކުންފުންޏެއް އެ ހިދުމަތް ދިނުމަށް ރާއްޖެއަށް އަންނަން ޖެހޭ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.
"ރާއްޖޭގެ ޓެކް ކުންފުނިތަކަށް ބެލިޔަސް ދިރާގާއި އުރީދޫ ނޫން ކުންފުންޏެއް ޓެލެކޮމިއުނިކޭޝަން ޑެލިވާކުރަން ދިވެހި ރާއްޖެއަށް އަންނަން ވެއްޖެކަން އިއްޒަތްތެރި ރައީސް އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ. ސަބަބަކީ ހިދުމަތް ވަކި ރަނގަޅެއް ނުވި، ދުނިޔޭގެ ފެންވަރަކަށް ހިދުމަތެއް ނައި، އިންޓަނެޓް ކުޑަވާ ދުވަހެއް، ނުކެނޑޭ ދުވަހެއް އިއްޒަތްތެރި ރައީސް މަދުވާނެ، އެހެންނަވެސް ދުނިޔޭގެ އަގުތަކާ އަޅާ ބަލައިފަ ވަކިން އަގުވެސް ރަނގަޅީކީ ނޫން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ އަތޮޅުތަކުގައި އަދި މާ ހާލު ދެރަ ކަމަށެވެ. މިހާރު މިއޮތް 2020 ވަނަ އަހަރުގައި އެއީ އިންޓަނެޓް ލިބުން ކަމަށް ނުބުނެވޭނެ ކަަމަށްވެސް އީވާ ވިދާޅުވިއެވެ.