މަޖިލީހުގެ ރައީސް

މަޖިލިސް ރައީސް، ފިޝަރީޒް މިނިސްޓަރަށް: އެގްރިމެންޓްތައް އުވާލުމަށް ދެމަހަކީ މަޖިލިސް މަޑުުކުރާނެ މުއްދަތެއް ނޫން

އިބްރާހިމް ޒަކީ

2

މަސްވެރިކަމުގެ އެކި ކަންކަމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން މަސައްކަތް ނުހިނގާ ހުރި ރަށްރަށުގެ، އެގްރީމެންޓްތައް ބާތިލު ކުރުމަށް ދެމަސް ދުވަހަކީ ރައްޔިތުންގެ މަޖިލިސް މަޑުކުރާނެ މުއްދަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިސް ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަސްފެކްޓްރީއެއް ހެދުމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހޮރައިޒަން ފިޝަރީޒަށް ގދ. ހޯނޑެއްދޫން ދޫކޮށްފައިވާ ބިމާ ބެހޭގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާ މެންބަރުން ކުރެއްވި ސުވާލުތަކަަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެންނެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ، ގދ. ހޯނޑެއްދޫ އާއި ކީކިމިނި އަދި ފުނާއްޑޫ ވިޔަސް އެފަރާތްތަކާއެކު ސަރުކާރުން ހަދާފައިވާ، އެކްސްކްލޫސިވްލީ އެގްރީމެންޓްތައް ބާތިލް ކުރުމަށް އެޓާނީ ޖެނެރަލް އަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެކަންތައް ދެތިން މަސްދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެކްސްކްލޫސިވްލީ އެގްރިމެންޓްތައް އޭގެން ނުކުތުމަށްޓަކައި، އަޅުގަނޑުމެން، އެޓާނީ ޖެެނެރަލްގެ ލަފާފުޅަކަށް އެދިފައިވަނީ، އެހެންވީމާ އެ ލަފާފުޅާ އެކުގައި އަޅުގަނޑަކަށް ހިއެއްނުވޭ މި މަސައްކަތަށް ގިނަދުވަސް ނަގާނެ ހެއްނެއް. އަޅުގަނޑު އުއްމީދު ކުރަނީ، ދެތިން މަހެއްހާ ދުވަސް ތެރޭގައި މިކަން ނިމިގެންދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެކަންކަމުން ނިކުއްނެވޭނޭ ކަމަށް މިނިސްޓަރު ވިދާޅުވި މުއްދަތާމެދު ހިތްހަމަޖެހިވަޑައި ނުގެން، މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ، ދެމަސް ދުވަހަކީ މަޖިލިސް މަޑު ކުރާނެ މުއްދަތެއްނޫން ކަމަށާއި ދެ ހަފްތާ މަޖިލިސް މަޑު ކުރިއަސް އަޖައިބުވެ ވަޑައިގަންނަވާނެ ކަމަށެވެ.

"އިއްޒަތްތެރި ވަޒީރު އަރިހު އަޅުގަނޑު ދަންނަވާލާނީ ދެމަހަކީ މި މަޖިލިސް މަޑުކުރާނެ މުއްދަތެއްނޫން، އެހެންވީމާ އިއްޒަތްތެރި ވަޒީރު އެކަން ވަރަށް ބޮޑަށް ބަަލައި ގަންނަވާތި، އަދި އެ މަގަށް މަސައްކަތް ކޮށްދެއްވުމަށް ނިހާޔަތަށް އަޅުގަނޑު އެދެން، ދެ ހަފްތާވެސް މި މަޖިިސް ބަލައިގެންފިނަަމަ އަޅުގަނޑު އަޖައިބުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟