މަޖިލިސް މެންބަރު ހަސަން ލަތީފް

މެންބަރުން ޕާޓީ ބަދަލުކުރެއްވުމާއި ޕާޓީއާ ގުޅިވަޑައިގަންނަވަން ޖެހޭނީ ގާނޫނެއްގެ ތެރެއިން: :ހަސަން ލަތީފް

އިބްރާހިމް ޒަކީ

އަމިއްލަ މެންބަރުންގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގަންނަވާ މެންބަރުން ޕާޓީއަކާ ގުޅި ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ، އަދި މަޖިލިސް މެންބަރުން ޕާޓީ ބަދަލު ކުރައްވަން ޖެހިވަޑައިގަންނާނީ ގާނޫނެއްގެ ތެރެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ، އަމިއްލަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގެންނެވި، ފަރެސް މާތޯޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގަތުން، މަޖިލީހުގެ ރިޔާސަތުން މިއަދު އިއުލާން ކުރައްވައި، މަޖލީހުގެ މައިނޯރިޓީ ލީޑަރަކީ، ޕީޕީއެމްގެ ޕީޖީ ގްރޫޕު ލީޑަރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ކަން އިއުލާން ކުރެއްވުމަށްފަހު އެކަމާބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ދެއްވި ފުރުސަތުގައެވެ.

ހަސަން ލަތީފު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް އިތުބާރު ލިބެނީ، ސިޔާސީ ޕާޓީގެ ވިސްނުމާއި ފިކުރު ރައްޔިތުންނާ ހިސާބަށް ގެންގޮސް، އެ ފިކުރު ގަބޫލު ކޮށްގެން މެންބަރު އިންތިހާބު ކުރުމުން އެ ފިކުރަށް މެންބަރު ކުރިއަށް ގެންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

އެހެންކަމުން، އެގޮތަށް މަޖިލީހަށް އިންތިހާބުވާ މެންބަރުން، ވޯޓު ދިން ރައްޔިތުންގެ ކައިރިގައި އެހުމެއް ސުވާލު ކޮށްލުމެއް ނެތި، ޕާޓީ ބަދަލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަން ހިންގަން ޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށެވެ.

"ރައްޔިތުންގެ ކައިރީގައި އެހުމެއް، ސުވާލު ކުރުމެއް ނެތި، ދެން އޭނާއަށް އެހެން ޕާޓީއަކަށް ބަދަލު ވެވޭގޮތަށް އޮތުމަކީ އެމްޑީޕީއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން، އެއީ އަމިއްލަ ގޮތުން ހޮވިވަޑައިގަންނަވާ ބޭފުޅެއް ވިޔަސް، އެއް ޕާޓީއަކުން ހޮވި އެހެން ޕާޓިއަކަށް ބަދަލު ވިޔަސް އެއީ ގާނޫނުގެ ތެރެއިން ހިނގަން ޖެހޭނެ ކަންކަން،" ހަސަން ލަތީފު ވިދާޅުވިއެވެ.

މިމައްސަލައަށް ވާހަކަ ދައްކަވަމުން އިދިކޮޅު ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި، އެގޮތަށް ފްލޯ ކްރޮސް ކުރުމުގެ މައްސަލައަށް ބޮޑު ބަދަލެއް ގެންނެވި ކަމަށާއި އެބަދަލާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މިބާވަތުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދިޔަ ކަމަށެވެ.

ނަމަވެސް އެކަމަކީ އެވަގުތު މަޖިލީހުގައި ތިއްބެވި މެންބަރުންނާއި، ސިއާސީ މައިދާނުގައި ހަރަކާތްތެރިވާ މެންބަރުންނަށް ވެސް އެންމެ ކަމުދާ ގޮތް ނޫންކަމަށް ދެކި އެ ގާނޫނަށް ނިމުމެއް ގެނައީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް، އެންޓި ޑިފެކްޝަން ގާނޫނެއް ރައީސް ޔާމީންގެ ވެރިކަމުގައި ތައާރަފު ކުރިއެވެ. ނަމަވެސް ފަހުން މަޖިލީހަށް ހުށަޅައިގެން އެ ގާނޫނު ވަނީ އުވާލައިފައެވެ.

ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މަޖިލީހުގެ ދާއިރާއެއް ތަމްސީލު ކުރަން ރައްޔިތުން ހަވާލު ކުރަނީ، ސޯޝަލް ކޮންޓްރެކްޓެއްގެ ދަށުން ކަމަށެވެ. އެހެންކަމުން މަޖިލީހަށް އިންތިހާބު ވުމަށްފަހު ޕާޓީ ބަދަލު ކުރުމާއި، ޕާޓީއެއްގެ ފިކުރުގައި ހުރެ، އެހެން ޕާޓީއަކަށް ބަދަލުވުމަކީ ކޮންޓްރެކްޓާ ހިލާފުވުން ކަމަށްވެސް ވިދާޅުވިއެވެ.