ސުޕާހިޓް ފިލްމު "ކޭއެފްޖީ ޗެޕްޓާ ވަން" އަށް ފަހު ފިލްމު އުފެއްދި ފަރާތުން މިހާރު އަންނަނީ އޭގެ ދެވަނަ އިންސްޓޯލްމަންޓެއް ހެދުމަށް ތައްޔާރުވަމުންނެވެ.
މީގެ ކުރިން ވަނީ އެ ފިލްމުގެ ލީޑް ތަރިއެއްގެ ގޮތުގައި ކަންނާޑާގެ ސުޕާސްޓާރެއް ކަމަށްވާ ޔަޝް ނަގާފައެވެ. އަދި ފިލްމުގެ ވިލަންގެ ރޯލުން ސަންޖޭދަތު ފެނިގެންދާނެ ކަމަށް ވެއެވެ. މި ފިލްމަށް އިތުރު ތަރިން ހޯދުމުގެ އަޑުތައް މިދޭތެރެއިން އިވިފައިވި ނަމަވެސް އެއްވެސް ތަރިއެއް ނަގާފައިވާކަން ޔަގީނެއް ނުވެއެވެ.
މިހާރު މިވަނީ ފިލްމުގެ ފަރާތުން ލީޑް ބަތަލާއަށް ރަވީނާ ޓަންޑޮން ނަގާފައިވާކަން އިއުލާންކޮށްފައެވެ. ފިލްމުގައި ރަވީނާ ފެނިގެންދާނީ އިންދިރާގާންދީގެ ރޯލުންނެވެ. ރަވީނާ އާއި ފިލްމުގެ ޑައިރެކްޓަރު ޕްރަޝާންތު ނީލާ އެކު ނަގާފައިވާ ފޮޓޯތަކެއްވެސް ވަނީ ނޫސްތަކަށް އަރާފައެވެ.
މި ފިލްމު ރިލީސްކުރާނެ ތާރީހެއް އަދި ހާމަކޮށްފައި ނުވިނަމަވެސް ކަންނާޑާ، މަލަޔާލަމް، ހިންދީ، ޓެމިލް އަދި ޓެލިނގޫ ބަހުން ރިލީސްކުރަން ވަނީ ހަމަޖައްސާފައެވެ.