ބޮލީވުޑް ބާދްޝާ ޝާހުރުކް ޚާން އަށް އިއްޔެ އަކީ ފަޚުރުވެރި ދުވަހެކެވެ.
ޝާހުގެ ހަގު ދަރިފުޅު އަބްރަމް މިވަނީ ޓައިކުވޮންޑޯ އިން ގޯލްޑް މެޑަލް ހޯދާފައެވެ. އެކަން އުފަލާއެކު ހިއްސާކުރީ ޝާހު އަމިއްލައަށެވެ.
ޝާހު ގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނީ ދަރިފުޅަށް މި ލިބުނު އެވޯޑުގެ ސަބަބުން ފަހުރުވެރިވާ ކަމަށާއި ހިތްވަރު އާލާވެގެން ހިނގައްޖެ ކަމަށެވެ.
އަބްރަމް ޓައިކުވޮންޑޯގެ ހަރަކާތްތަކުގައި ހުރި ފޮޓޯ ތަކަކާއި މެޑަލް އަޅައިގެން ހުރި ފޮޓޯތަކެއް ހިއްސާކުރަމުން ޝާހު ބުނީ ތަމްރީނު ލިބިގެން ވާދަކުރުމުން ކާމިޔާބު ލިބޭނެ ކަމަށެވެ. އަދި އެ ގޮތުގައި ކުރިޔަށް ދެވޭނެ ކަމަށެވެ.
"މި މެޑަލްއާއެކު އަހަރެންގެ ދަރިން އަތުގައި އަހަންނަށް ވުރެ ގިނަ އެވޯޑު މިހާރު ހުންނާނެ" ނަސޭހަތުގެ ބަސްކޮޅަކާއެކު ޝާހު ހިއްސާކުރި ޕޯސްޓުގައި ވެއެވެ.
ހަމަ އެކާއެކު ޝާހު ވަނީ އޭނާވެސް އިތުރަށް ޓްރެއިން ވާންވީ ކަމަށް ބުނެފައެވެ.
2018 ގައި ރިލީސްކުރި ފިލްމު ޒީރޯއަށްފަހު ޝާހު އަދި ފިލްމެއް ކުޅެފައެއް ނުވެއެވެ. ނަމަވެސް މިއަހަރު ރިލީސްކުރާ ރަންބީރު އަދި އާލިއާގެ ފިލްމު "ބްރާމަސްތުރާ"ގައި ޝާހުގެ ފެނިލުމެއް ހިމެނޭކަން ވަނީ ފިލްމުގެ ފަރާތުން އިއުލާންކޮށްފައެވެ.
ފިލްމެއްގެ ގޮތުގައި ރަސްމީކޮށް ޝާހު ކުޅޭނީ ކޮން ފިލްމެއް ކަން އިއުލާންކޮށްފައިނުވި ނަމަވެސް އަޑުތައް އަރާފައިވާ ގޮތުގައި އެންމެ އަވަހަށް ފެނިގެންދާނީ ރާޖްކުމާރު ހިރާނީގެ "ބިގްލީ" ކިޔާ ފިލްމަކުންނެވެ.
އޮންސްކްރީނުން ޝާހު މިދުވަސްކޮޅު ފެނިފައި ނުވިނަމަވެސް މިވަގުތުވެސް އޭނާ އަންނަނީ އަބީޝެކް ބަޗަން ލީޑުން ފެނިގެންދާނެ ފިލްމު "ބޮބް ބިސްވާސް" ގެ ޕްރޮޑަކްޝަން މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.