ވިޔަފާރި

"ގޯލްޑް 100" ގެ ޕްލެޓިނަމް ޕާޓްނަރަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދެވޭ "ގޯލްޑް 100" ގެ ޕްލެޓިނަމް ފާޓްނަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ. މިއީ ރާއްޖޭގެ ވިޔަފާރި އާއި މާލީ ދާއިރާއާ ގުޅޭ ހަބަރުތައް ގެނެސްދޭ "ކޯޕަރޭޓް މޯލްޑިވްސް" އާއެކު މި އެވޯޑް ދިނުމުގައި ގައުމީ ބޭންކުން ޖެހިޖެހިގެން ބައިވެރިވާ ހަތަރު ވަނަ ފަހަރެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ރާއްޖޭގެ އެންމެ ކުރިއަރާފައިވާ 100 ވިޔަފާރި ހޮވުމަށްޓަކައި ހުށަހެޅޭ ކުންފުނިތަކުގެ މައުލޫމާތު އިވެލުއޭޓްކުރުމަށް މިނިވަން ކޮންސަލްޓަންސީ ފާމެއް ކަނޑައަޅާފައިވާ ކަމަށް ކޯޕަރޭޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

މި އެވޯޑް ލިބޭ ފަރާތްތައް އާންމުކުރާނީ މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ގޯލްޑް 100 ގާލާ އިވެންޓުގައެވެ.

"ބޭންކުން މިދަނީ ރާއްޖޭގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން އިތުރުކުރަމުން. ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ވިޔަފާރިތަކަށް އަމާޒުކޮށް ދެވޭ ގޯލްޑް 100 އެވޯޑް ދިނުމުގައި ކޯޕަރޭޓް މޯލްޑިވްސް އާ އެކު މިއަހަރުވެސް ޕާޓްނަޝިޕެއް ގާއިމްކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް." މި ސްޕޮންސަޝިޕާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދީޕް ޕަލިވާލް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު އެ ބޭންކުން ވަނީ އައްޑޫ ސިޓީ، ހުޅުމާލެ އަދި މާލޭގައި ތިން ބިޒްނަސް ސެންޓަރު ހުޅުވާފައި ކަމަށެވެ. މި ބިޒްނަސް ސެންޓަރުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށް ރިލޭޝަންޝިޕް މެނޭޖަރުން ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ވިޔަފާރިއާ ގުޅޭ ލަފާޔާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކުން ދޫކުރާ ލޯނާ ގުޅޭ މައުލޫމާތު ދިނުމާއި، ޕީއޯއެސް އަދި ޕޭމަންޓް ގޭޓްވޭ ފަދަ މާޗަންޓް ހިދުމަތްތަކަށް އެދި ހުށަހެޅުމަށް އެ މުވައްޒަފުންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

މުޅި ރާއްޖެ ޝާމިލުވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސާވިސް ބޭންކިން ސެންޓަރު، އޭޓީއެމް، ޕީއޯއެސް މާޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިން ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލުން ބުނެއެވެ.