މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިންނަށް ހަމަލާ ދިނުމަށް ރޭވި ގޮތަށް ކަންތައް ކުރިއަށްނުގެންދެވުނު ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި އެކަން ރޭވި އެންމެ އިސްމީހާ ވެސް ހިމެނޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެމިއަދު"ގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ މައްސަލައިގެ ފަހުން ކުރެވުނު ތަހުގީގުތަކަށް ބަލާ އިރުގައި އެކަން ކުރި މީހުން އެއަށްވުރެ ބޮޑަށް ނުވަތަ ފުޅާކޮށް އެކަހަލަ ކަމެއް ހިންގުމުގެ ވިސްނުމުގައި އެކަން ކުރުމުގެ މަސައްކަތްކުރަން ކޮށްފައި އޮތްކަން ފާހަގަކުރެވުނު ކަމަށާއި ނަމަވެސް ރޭވި ގޮތަށް އެކަން ނުކުރެވުނީ ފުލުހުންގެ މުއައްސަސާ އިން މަސައްކަތްކުރަމުންދާ ގޮތުން ބޮޑު ނުރައްކަލެއް ކުރިމަތިކުރުވައި ރޭވުމަކާ ހަމައަށް ދާއިރުގައި އެނގޭނެ ކަމުގެ އިހުސާސް އެމީހުންނަށް ވެސް ވާތީ ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.
"މާބޮޑަށް އޮގަނައިޒްވެގެން، މާބޮޑަށް ރާވައިގެން އެފަދަ ކަމެއް ކުރުމުގެ ވިސްނުމާ ހަމައަށް ނުގެންދެވި، ކުއްލިއަކަށް ނުކުމެ އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް ހިތާމަވެރި ހާދިސާއެއް ކުރިމަތިކުރުވީ. އޭގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް ވަރަށް ސިހުން ލިބިގެންދިޔަ، ނޫނީ ރައްޔިތުންނަށް ދެރަކަން އަދި ހާއްސަކޮށް ޒިޔާރަތްކުރި ފަތުރުވެރިންނަށް ލިބުނު ގެއްލުމަކަށްވާތީވެ އެކަމުގެ ދެރަކަން އަޅުގަނޑުމެން އެންމެން އިހުސާސްކުރިން. އެކަން ކުރުމުގައި، އެކަން ރޭވުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތް އަޅުގަނޑުމެން ވާނީ ބަންދުކޮށްފައި. އަދި ދެން ވެސް އެކަމުގައި އުޅޭ ބައެއް މީހުން އެތިބީ ބަންދުކުރެވިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ ގާތްގަނޑަކަށް ހަތަރު، ފަސް ގަޑިއިރެއްގެ ތެރޭގައި އެކަން ކުރި މީހުން އައިޑެންޓިފައިކުރެވޭ ހިސާބަށް ފުލުހުންގެ މަސައްކަތް ގެންދެވުނު ކަމަށާއި ގާތްގަނޑަކަށް 30 ގަޑިއިރަށްވުރެ ކުރިން އެމީހުން ހައްޔަރުކުރުމުގެ މަސައްކަތް ފެށިގެންދިޔަ ކަމަށެވެ. އެހެންވީމާ ޖުމުލަ ގޮތެއްގައި ބަލައިފިއްޔާ އެ މައްސަލައިގައި ފުލުހުންނަށް މަސައްކަތްކުރެވިފައި ހުރި ސްޕީޑު އެކަށީގެންވާ ރަނގަޅަށް ކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ ހަމަލާއަށްފަހު ދައުރުވި ވީޑިއޯއާ ގުޅޭގޮތުން ވެސް މިނިސްޓަރު ވަނީ ވާހަކަދައްކަވައިފައެވެ. މިނިސްޓަރު ވިދާޅުވީ އެ ވީޑިއޯއާ ބެހޭ ގިނަ ކަންކަމެއް ހޯދިއްޖެ ކަމަށާއި ނަމަވެސް އެ މައުލޫމާތު ހިއްސާނުކުރެވި އޮތީ ރައްޔިތުންނާ ހަމައަށް އެ ވީޑިއޯ ގެނައުމުގައި އަދި ބަލައިލަން ޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަން ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެ ވީޑިއޯއަކީ ހަމަލާ ދިނުމުގެ ރޭވުމުގެ ވިސްނުމުގެ ތެރެއިން އެމީހުން އުފެއްދި ވީޑިއޯއެއް ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދުނިޔޭގެ އެހެން ތަންތަނުގައި މިފަދަ ކަންކަން ކުރާ ބީދައިން އެކަން ކުރުމުގެ ވިސްނުމެއްގެ ތެރެއިން. އަދި އެކަމަށް މަގުފަހިކުރުމުގެ ތެރެއިން މި ވީޑިއޯ އުފައްދައި، އެކަމަށް ތައްޔާރުވެގެން އެމީހުން ތިބީ. އަޅުގަނޑުމެންނަށް ހޯދުންތަކުން އެކަން ފެންނަން އެބަހުރި. އެހެންނަމަވެސް އެމީހުން އެ ވިސްނިގޮތަށް އެކަން ކުރުމުގެ ފުރުސަތު ލިބިގެންނެއް ނުދިޔަ. އެއީ އަޅުގަނޑު ހިތުން ފުލުހުންނަށް އެޅިފައި ހުރި ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެމީހުންނަށް ވިސްނިގެންދިޔަ އެގޮތަށް އެކަން ކުރުމުގެ ފުރުސަތު ނުލިބޭނެކަމާ، އެހެންވީމާ އެހެން ގޮތަކަށް އެކަން ބަދަލުކޮށް އެ ވީޑިއޯއާ ގުޅިގެން ކުރަން ހުރި ކަންކަން އެހެން ގޮތްގޮތަކަކަށް އިމްޕްލިމެންޓްކުރަމުން ގެންދިޔައީ،" މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 8:10 ހާއިރުއެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ހަ ދިވެހިން ހައްޔަރުކޮށްފައެވެ.