ލޯކަލް ކައުންސިލު އިންތިހާބުގައި އެއްވެސް ދާއިރާއަކަށް ހޮވަންވާ އަދަދަށް ވުރެ އިތުރަށް ފާހަގަ ޖަހައިފި ނަމަ، އެމީހެއްގެ މުޅި ވޯޓު ކަރުދާސް ބާތިލުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ ވޯޓު ކަރުދާސް، މީގެ ކުރީގެ ކައުންސިލު އިންތިހާބުތަކުގެ ވޯޓު ކަރުދާސްކޮޅާ ތަފާތު ވާނެ ކަމަށެވެ. މީގެ ކުރިން ކޮންމެ ކަރުދާސްކޮޅެއްގެ އޮތް ނަމަވެސް، މިފަހަރު އެއް ކަރުދާހެއްގައި އެކި އަދަދުތަކަށް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދާއިރާއަކަށް ހޮވަންވާ އަދަދަށްވުރެ އިތުރަށް ފާހަގަ ޖަހާފައިވާ ނަމަ، ވޯޓު ކަރުދާސް އެއްކޮށް ބާތިލުވާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އަކުރަމް ވިދާޅުވިއެވެ.
"މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ޖުމުލަ ދެ ބައެއް. ސަމާލުކަން ދެއްވަންވީ ކަމަކީ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް މި ހޮވަނީ އެންމެ ބޭފުޅެއް. ހޮވާ އިރުގައި އެންމެ ބޭފުޅެއްގެ ބަދަލުގައި ދެ ބޭފުޅުންނަށް ޖަހައިފި ނަމަ ނުވަތަ ހޮވަންވާ އަދަދަށްވުރެ އިތުރަށް ފާހަގަ ޖައްސަވައިފި ނަމަ، ތިރީގައިވާ ސިޓީ ކައުންސިލުގެ މެންބަރުކަމަށް ހޮވާ ވޯޓު ކަރުދާސްކޮޅު ވެސް ބާތިލުވެގެންދާނެ. މާނައަކީ އެ ކަރުދާސްކޮޅުގެ އެއްވެސް ތަނަކު ހޮވަންވާ އަދަދަށްވުރެ އިތުރަށް ފާހަގަޖަހައިފި ނަމަ، އެ ކަރުދާހުގައި ދެން ހުރި ވޯޓުތައް ބާތިލުވެގެންދާނެ. އެހެންވީމާ މިއީ ވަރަށް ބޮޑަށް ސަމާލުކަން ދޭންވީ ކަމެއް. މާލެ ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި އޮންނާނީ އެއްގޮތަކަށް ވޯޓު ކަރުދާސް،" އޭނާ ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ވޯޓު ކަރުދާހާއި ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސް ތަފާތުވާނެ ކަމަށާއި ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސްކޮޅުގައި ހދ އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވޯޓުލާން އޮންނާނެ ކަމަށެވެ.
"ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ވޯޓުލާން ޖެހޭނެ ކުޅުދުއްފުށި ހިމެނޭ އަތޮޅުގެ އަތޮޅު ކައުންސިލުގެ ރައީސްކަމަށް ވެސް. ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސްކޮޅުގައި ތިން ބައެއް ހިމެނޭނެ. މާނައަކީ އެއް ކަރުދާހެއްގައި ތިން ވޯޓެއް އޮންނާނެ. ތިން ވޯޓެއް އޮންނަ އިރުގައި އެންމެ މައްޗަށް އޮންނާނީ ކުޅުދުއްފުށި ސިޓީގެ ވޯޓު ކަރުދާސް. އޮވެފައި ހދ. އަތޮޅު ކައުންސިލުގެ ރައީސްގެ ވޯޓު ކަރުދާސް. ދެން މި އޮންނަނީ އެ ދާއިރާއަކުން ހޮވާ ސިޓީ ކައުންސިލު މެންބަރު. މިއިން ކޮންމެ ތަނެއްގައި ވެސް އެ ހޮވަންވާ އަދަދަށްވުރެ އިތުރަށް ފާހަގަ ޖައްސަވައިފި ނަމަ، މުޅި ވޯޓު ކަރުދާސް ބާތިލުވާނެ،" އޭނާ ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ ރަށްރަށުގެ ވޯޓު ކަރުދާހުގައި ހަތަރު ބައެއް ހިމެނޭނެ ކަމަށާއި އެ ކަރުދާހުގައި އަތޮޅު ކައުންސިލުގެ ރައީސާއި ރަށު ކައުންސިލުގެ ރައީސާއި އަންހެން މެންބަރާއި އިތުރު މެންބަރުން ހޮވަން އޮންނާނެ ކަމަށެވެ.
"މިއަށްވުރެ ތަންކޮޅެއް ކޮމްޕިކޭޓު ވެގެންދާނެ ރަށްރަށުގައި. ވޯޓު ކަރުދާހުގައި މި އޮންނަނީ ހަތަރު ބައެއް. ފުރަތަމަ ބައިގައި މި އޮންނަނީ އަތޮޅު ކައުންސިލުގެ ރައީސް. ދެން އޮންނާނީ ރަށު ކައުންސިލުގެ ރައީސް. އަންހެނުން މެންބަރު. ދެން މި އޮންނަނީ ރަށު ކައުންސިލުގެ މެންބަރުން. މީގައި ވެސް ޖަހަންވާ އަދަދަށްވުރެ އިތުރަށް ފާހަގަ ޖަހައިފި ނަމަ، މުޅި ކަރުދާސް އެއްކޮށް ބާތިލުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.
އަކުރަމް އިތުރަށް ވިދާޅުވީ ރަނގަޅު ފާހަގަ ނޫން އެހެން ފާހަގައެއް ޖަހައިފިނަމަ ވެސް މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލުވާނެ ކަމަށެވެ.