ދީޕިކާ ޕަޑުކޯން އަދި ކާތިކް އާރްޔަން އެޔާޕޯޓު ބޭރުގައި މީގެ ކުރިން ނެށުމާއެކު އެދަތަރިން އެކުގައި ފިލްމަކުން ފެނުމުގެ އުންމީދު އުފެދިގެންދިޔައެވެ. ފޭނުންގެ އެދުން ޑައިރެކްޓަރު އިމްތިޔާޒު އަލީ މިވަނީ ބަލައިގަނެ ފުރުސަތުގެ ބޭނުން ހިފާފައެވެ.
އިމްތިޔާޒުގެ ފިލްމަކަށް ދީޕިކާ އަދި ކާތިކް މިވަނީ ހޮވާފައެވެ. އިންޑިއާގެ ފުލޯކް ލޯބީގެ ވާހަކައެއް މައްޗަށް އުފައްދާ މި ފިލްމުގައި ދީޕިކާ ރާދާގެ ރޯލުން ފެނިގެންދާއިރު ކްރިޝްނާގެ ރޯލުން ކާތިކް ފެނިގެންދާނެއެވެ. ރާދާ ކްރިޝްނާއަށްވުރެ އުމުރުން ދޮށިވުމުން ދީޕިކާ ކާތިކް އެރޯލުތަކަށް ސަޅިކޮށް ފިޓްވާނެކަމަށް ރިޕޯޓަތައް ބުނެއެވެ.
2018ގައި އިމްތިޔާޒު ވަނީ ރާދާ ކްރިޝްނާގެ ލޯބީގެ ވާހަކައިގެ މައްޗަށް ފިލްމެއް އުފައްދާނެ ކަން އިއުލާން ކޮށްފައެވެ. އެ ފިލްމުގެ ވާހަކަ ލިޔެ، ޑައިރެކްޓްކޮށް އަދި ކޯ ޕްރޮޑިއުސް ކުރަނީވެސް އިމްތިޔާޒެވެ.
"އަބަދުވެސް ރާދާ ކްރިޝްނާގެ ލޯބީގެ ވާހަކަ އަކީ އަހަރެންނަށް ވަރަށް ފެސިނޭޓްވާ ވާހަކައެވެ. އިންޑިއާގެ ފްލޯކް ވާހަކަތަކުގެ ތެރޭގައި އެހެން ހުރިހާ ވާހަކައަށްވުރެ މިހާވަހަކަ އަހަރެންނަށް މާބޮޑަށްވެސް ކަމުދޭ. މި ފިލްމު ހެދުމަކީ ހުވަފެނެއް" އީޓައިމްސްއަށް އިމްތިޔާޒު ދިން އިންޓަވިއެއްގައި ބުންޏެވެ.
މިމަހު 14ގައި އިމްތިޔާޒުގެ ފިލްމު "ލަވް އާޖް ކަލް" ރިލީސްކުރާނެއެވެ. ފިލްމުގެ ލީޑް ރޯލުން ކާތިކް އާއެކު ސާރާ އަލީ ޚާން ފެނިގެންދާނެއެވެ.