ސުޕާ ސްޓާރުން ކަމަށްވާ ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާންގެ ދަރިފުޅު ޓައިމުރު އަލީ ޚާން އަށް އަދި އެންމެ ތިން އަހަރު ނަމަވެސް އޭނާ އަކީ މިހާރުވެސް ސެލެބްރިޓީއެކެވެ.
ކޮންމެ ދުވަހަކު ހެން ޓައިމުރުގެ ހަރަކާތްތައް ނޫސްތަކުގެ ސުރުހީތަކުން ޖާގަ ހޯދަމުން އަންނައިރު މިއީ ސައިފުވެސް ކަރީނާވެސް އެހާ ބޭނުންވާ ގޮތެއް ނޫނެވެ.
ޓައިމުރު މިވަގުތު ކިޔަވަމުން އަންނަނީ މުމްބާއީގެ ޕްލޭ ސްކޫލަކުންނެވެ. ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ޕަޓައުޑީ އާއިލާގެ ސަގާފަތް ދެމެހެއްޓުމުގެ ގޮތުން ޓައިމުރުވެސް ކިޔެވުމަށް އިންގްލެންޑުގެ ބޯޑިން ސްކޫލަކަށް ދާން ޖެހޭނެ އެވެ.
ސައިފްގެ ބައްޕަ މަންސޫރު އަލީ ޚާން ޕަޓައުޑީ ކިޔެވީ ވެސް އިންގްލެންޑުންނެވެ. އޭނާގެ ދަރިން، ސައިފް، ސަބާ އަދި ސޯހާވެސް ކިޔެވީ އިންގްލެންޑުންނެވެ. ސައިފްގެ ދޮށީ ދަރިން ކަމުގައިވާ ސާރާ އާއި އިބްރާހީމް ކިޔެވީ އިންގްލެންޑުގެ ބޯޑިން ސްކޫލަކުންނެވެ. އެހެންކަމުން ޓައިމުރުވެސް ކިޔަވަން ދާނީ އިންގްލެންޑަށެވެ. ނަމަވެސް އެހާ އަވަހަށް އެކަން ވާނެ ހެން ހީނުވާ ކަމަށް ހަބަރުތައް ބުނެއެވެ.
މީގެ ކުރިންވެސް ކަރީނާ ވަނީ ޓައިމުރު ބޯޑިން ސްކޫލަށް ފޮނުވަން ބޭނުންވާ ކަން ބުނެފައެވެ. ޓައިމުރު އަށް ލިބެމުންދާ މީޑިއާ ސަމާލުކަމުގެ ސަބަބުން އޭނާއަށް އާދައިގެ ދިރިއުޅުމެއް ނޫޅެވޭ ކަމުގައި ކަރީނާ ދެކެއެވެ. ނަމަވެސް ސައިފް ޓައިމުރު އާއެކު ގިނަ ވަގުތު ހޭދަކުރަން ބޭނުންވާ ކަމަށް ވެއެވެ. ހާއްސަކޮށް އޭރު ކައިވެނި ރޫޅިފައިވުމުން ދޮށީ ދެދަރިންނާއެކު މާގިނަ ވަގުތު ހޭދަކުރެވިފައި ނުވާތީ އެހާ އަވަހަށް ސައިފްގެ ލޯމަތިން ޓައިމުރު ފޮނުވާލަން އޭނާ ބޭނުމެއް ނުވެއެވެ.
ސައިފް ވަނީ، މުމްބާއީ މިރޯއަށް ބައްޕައެއްގެ ގޮތުގައި މިހާރު އޭނާއަށް އައިސްފައިވާ ބަދަލު ހިއްސާކޮށްފައެވެ.
"ތަފާތަކީ މިހާރު އަހަރެން ވަރަށް ކެތް ގަދަ ވާނެ. ކުރިން ސާރާ އަދި އިބްރާހީމް ކުޑައިރު އަހަރެންވެސް އުޅުނީ ކެރިއާ ބިލްޑް ކުރެވޭތޯ. އޭރު ނޭނގެ ބޭނުން ވަނީ ކޮންކަމެއް ކަމެއް. އޭރު ވަރަށް އަމިއްލަ އެދުންވެސް ބޮޑު ވާނެ. އެހެންވެ އެމީހުނަށް ބޭނުންވާ ވަރަށް ވަގުތު ނުދެވޭ" ސައިފް ބުންޏެވެ.
ސާރާ އަދި އިބްރާހީމް އަކީ ސައިފްގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ ދަރިންނެވެ. އޭރު ސައިފް ކައިވެނި ކޮށްގެން އުޅުނީ ބަތަލާ އަމްރިތާ ސިންގާއެވެ. އެކައިވެނި ރޫޅި އެތައް އަހަރެއް ފަހުން ސައިފް ވަނީ ބަތަލާ ކަރީނާ ކަޕޫރާ ކައިވެނިކޮށްފައެވެ.