ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް އަންނަ ބުރާސްފަތި ދުވަހު ރީރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް ވިދާޅުވީ ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހު އެ ފުރުސަތު ހުޅުވާލާނެ ކަމަށާއި ރީރަޖިސްޓަރީ ކުރަންޖެހޭނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތައް ކަމަށެވެ.
"އަޅުގަނޑުމެންގެ ކޮމިޝަނުން ނިންމާފައިމިވަނީ މިމަހުގެ 13 ވަނަ ދުވަހު ރީރެޖިސްޓްރޭޝަނަށް ހުޅުވާލަން. ރީރެޖިސްޓްރޭޝަނަށް ހުޅުވާލާ ދުވަހުން ފެށިގެން މެސެޖުކޮށްލީމަ، ފެންނާނެ ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން. އޭރުން އެބޭފުޅަކު ބޭނުންނަމަ، އެހެން ތަނަކަށް ރީރެޖިސްޓާ ކުރުމުގެ ފުރުސަތު އޮންނާނެ. މި އިންތިހާބުގައި ރީރެޖިސްޓާކުރަން ޖެހިވަޑައިގަންނަވާނީ ފާއިތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެބޭފުޅަކު ވޯޓުލެއްވި ތަން ނޫން އެހެން ތަނަކަށް ވޯޓުލައްވާ ނަމަ. އެހެންނަމަވެސް ސިނާއީ ތަންތަނާއި ޖަލުތަކާއި ރިސޯޓުތައް މީގެން އިސްތިސްނާވާނެ،" އޭނާ ވިދާޅުވިއެވެ.
މިފަހަރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހާއްސަ ބޫތެއް ހުންނާނެ،އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އަހުމަދު އަކުރަމް
އަކުރަމް ވިދާޅުވީ ވޯޓުލާ މަރުކަޒުތައް އަދި އިއުލާނު ނުކުރާ ކަމަށާއި ނަމަވެސް ވޯޓު ފޮށި ބަހައްޓާނެ ތަންތަން މާދަމާ އިއުލާނުކުރާނެ ކަމަށެވެ. އަދި މިފަހަރުގެ އިންތިހާބުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހާއްސަ ބޫތެއް ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ފަރާތްތަކަށް މިފަހަރުވެސް އެސިސްޓަންޓް ވޯޓާސް ބޭނުންކުރެވޭނެ. މިފަހަރު އާކަމެއްގެ ގޮތުގައި އަޅުގަނޑުމެން ތައާރަފުކޮށްފައިމިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ވޯޓުލާން ވަޑައިގެންފައި، އެބޭފުޅުން ވޯޓު ފާހަގަޖެހުމަށް ވަޑައިގަންނަވަން ހާއްސަ ބޫތެއް ހުންނާނެ މިފަހަރު. ކޮންމެ މަރުކަޒެއްގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ހާއްސަ ބޫތެއް ހުންނާނެ. އެބޭފުޅުން ވޯޓުލާން ވަޑައިގަންނަވާނީ އެ ބޫތަށް،" އޭނާ ވިދާޅުވިއެވެ.
އަކުރަމް އިތުރަށް ވިދާޅުވީ ރާއްޖޭގެ އެމްބަސީ ހުންނަ ކޮންމެ ގައުމެއްގައި، އެގައުމެއްގައި 150 މީހުން ވޯޓުލުމަށް ރަޖިސްޓަރީކޮށްފި ކަމުގައިވާނަމަ، ވޯޓުލުމަށް ފަހިކޮށްދޭނެ ކަމަށެވެ.