އެމްޑީއޭ

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަކުރަން އެމްޑީއޭ އިން ނިންމައިފި

3

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް ވާދަކުރަން އެމްޑީއޭ އިން ނިންމައިފިއެވެ.

އެމްޑީއޭ އިން އެގޮތަށް ނިންމާފައިވަނީ މިއަދު ހަވީރު ބޭއްވި އެ ޕާޓީ ގައުމީ ކައުންސިލުންނެވެ. އަންނަ އަހަރުގެ މާޗް މަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީއޭ އިން ހުރިހާ ދާއިރާއަކަށް ވާދަކުރަން މިއަދު އޮތް އެމްޑީއޭގެ ގައުމީ ކައުންސިލަށް ހުށަހެޅުއްވީ އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދެވެ. އަދި މިގޮތަށް ނިންމީ ކައުންސިލް މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ބައްދަލުވުމުގައި ވަނީ އެމްޑީއޭގެ ލީޑަރުގެ އެންމެހާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ އެ ޕާޓީގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އަލުން ހަވާލުވެވަޑައިގެންފައެވެ. އެންމެ ފަހުން ބޭއްވި ގައުމީ ކައުންސިލް ބައްދަލުވުމުގައި ވަނީ އެމްޑީއޭގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ލީޑަރު އަލީ މައުރޫފްއާ ހަވާލުކުރައްވައިފައެވެ.

މިއަދު އޮތް އެމްޑީއޭގެ ގައުމީ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމަށް ވެސް ބޭފުޅަކު އައްޔަންކުރައްވައިފައެވެ. ޑެޕިއުޓީ ލީޑަރު ކަމަށް އައްޔަންކުރެއްވީ ގައުމީ ކައުންސިލްގެ މެމްބަރު ކަމުގައި ހުންނެވި އައިޝަތު މަމްދޫހާއެވެ.

އޭގެ އިތުރުން ގައުމީ ކައުންސިލަށް ވަނީ އިތުރު ދެ މެމްބަރުން ވެސް އައްޔަންކުރައްވައިފައެވެ. އެ ދެ ބޭފުޅުންނަކީ މުހައްމަދު ޝަމީޒް އާއި މުހައްމަދު އައްބާސްއެވެ.

އެމްޑީއޭގެ އެއް ޑެޕިއުޓީ ލީޑަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ޕާޓީން ވަކިކުރެއްވުމާ ގުޅިގެންނެވެ. އެމްޑީއޭގައި މިހާރު ތިއްބަވާނެ ހަތަރު ޑެޕިއުޓީ ލީޑަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުގެ އިތުރުން އައިޝަތު ރަފިއްޔާއާއި އައިޝަތު މަމްދޫހާއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟