ބޮލީވުޑް

''މަލަންގް''ގެ ފެނު އަޑީގެ މަންޒަރު ނެގުމަށް 10 ގަޑިއިރު ހޭދަވި: ދިޝާ

ދިޝާ ޕަޓަނީ އަދި އަދިތްޔާ ރޯއީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "މަލަންގް" ވަނީ އިއްޔެ ރިލީސްކޮށްފައެވެ. އިއްޔެ ވެސް ފިލްމަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ފިލްމުގެ ޓްރެއިލާ އާއި ލަވަތަކަށް ވެސް ވަނީ ގިނަ ބައެއްގެ ތައުރީފު ލިބިގެން ގޮސްފައެވެ.

ފިލްމުގައި މޫދު އަޑީގެ މަންޒަރުތައް ވެސް ފެނިގެންދާއިރު އެ މަންޒަރުތައް ޝޫޓް ކުރުމަށް އުޅުނު ހާލު ދިޝާ މިވަނީ އީޓައިމްސްއާ ހިއްސާކޮށްފައެވެ.

"އެއް ދުވަހުގެ ޓްރެއިނިންއެއް ނެގީ. އަސްލު އެހާ ވަގުތެއް ވެސް ނެތް. ފިލްމުގެ ޝޫޓިން ބެކް-ޓު-ބެކް އޮތް. އެ މަންޒަރު ނެގުމަށް ފެނު އަޑީގައި 10 ގަޑިއިރު އުޅެން ޖެހުނު. އެހާ އަޑީގައި ނަގާ މަންޒަރުތަކެއް ކަމުން ފަސޭހައަކުން ފެނުން މައްޗަށް އެރޭކަށް ވެސް ނެތް. އެހެންވެ އިރުއިރު ކޮޅާ ފެނުން މައްޗަށް އަރާ އަޑިއަށް ދިއުމަކީ ފަސޭހަ ކަމަށް ނުވި. އަލިކަމެއް ނެތް. އޮކްސިޖަން މާސްކުން ނޭވާލަމުން ދިޔައީ. އެހާ އަނދިރި. އެގޮތަށް 10 ގަޑިއިރު ތިބުން ވެސް އުނދަގޫވި،" ދިޝާ ކިޔައިދިނެވެ. 

ނަމަވެސް އެ މަންޒަރުތައް ނެގުމަށް ހާލުގައި އުޅުނީ ހަމައެކަނި ދިޝާއެއް ނޫނެވެ. ފިލްމު ބަތަލު އަދިތްޔަ ވެސް ވަނީ އެ މަންޒަރުތަކާ ގުޅޭގޮތުންވި ކަންތައްތައް ހިއްސާކޮށްފައެވެ.

"ލޯ ހުޅުވައިގެން މާ ގިނައިރު ނުތިބެވޭ. ކްލޯރިން ހުރީމަ. އިރުއިރުކޮޅާ އޮކްސިޖަން ފުޅި މައްސަލަ ޖެހި އެހީތެރިވެދޭ ޑައިވަރުން އައިސް އެ ރަނގަޅު ކޮށްދޭ. ދެން ކޮންމެ ދުވަހަކު ޑައިވަރުން ކަނޑުގައި އުޅޭ ހާލަށްވުރެ ފަސޭހަ. ނަމަވެސް އެންމެ ދުވަހަކުން ޓްރެއިން ވެގެން އެކަން ކުރުން ވަރަށް އުނދަގޫވި. އެކަމު ވަރަށް އެކްސައިޓިން. އާ ކަމެއް، އަދި ވަރަށް މަޖާ،" އަދިތްޔަ ބުންޏެވެ.

މޯހިތް ސޫރީ ޑައިރެކްޓް ކޮށްފައިވާ ފިލްމު "މަލަންގް"ގައި އަނިލް ކަޕޫރާއި ކުނާލު ކެމޫވެސް މުހިންމު ރޯލުން ފެނިގެންދާނެއެވެ.