އެކުގައި އުޅޭ މަގުބޫލު ތަރިންގެ ތެރެއިން އާލިއާ ބަޓް އާއި ރަންބީރު ކަޕޫރުގެ ކައިވެންޏަކީ ގިނަ ބަޔަކު އިންތިޒާރު ކުރާ ދުވަހެކެވެ.
މިފަހަރު ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އާލިއާ އާއި ރަންބީރު ކައިވެނި ކުރަން ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހުއެވެ. ދެތަރިން ވަނީ އެމީހުންގެ އާއިލާ އާއި ރައްޓެހިންނަށް ޑިސެމްބަރު މަހުގެ ވަކި ދުވަސްތަކެއް ހުސްކޮށް ބޭއްވުމަށް މިހާރު އަންގާފައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އާލިއާ އާއި ރަންބީރުގެ ގުޅުން ބޮޑަށް ބަދަހި ވެގެން ދިޔައީ ފިލްމު "ބްރާމަސްތްރާ"ގެ ޝޫޓިން ތެރެއިންނެވެ. ދެތަރިން އެކުގައި ލީޑު ރޯލުން ފެނިގެންދާނެ މިފިލްމު ޑިސެމްބަރު ހަތަރެއްގައި ރިލީސްކުރާއިރު ދެތަރިންގެ ކައިވެނި އޮންނާނީ ފިލްމު ރިލީސްކުރުމަށް ފަހުގައި ކަމަށްވެއެވެ.
އީޓައިމްސް އިން ރަންބީރާ ބެހޭ ގޮތުން އާލިއާއަށް ސުވާލު ކުރުމުން އޭނާ ބުނީ، ރިލޭޝަންޝިޕަކަށްވުރެ އެ ދެމީހުންގެ ދެމެދުގައި އޮތީ ރައްޓެހިކަން ކަމަށެވެ.
"ތެދުތެދަށް ބުނާ ކަމުގައިވާނަމަ މި ގުޅުން ވަރަށް އުފާވެރި. އަހަރެން މިހިނގަނީ ތަރިތާއި އުޑުގައި. އެންމެ ސަޅީ އަހަރެމެން ދެމީހުންނަކީ ވެސް އަމިއްލަ ޕްރޮފެޝަނަލް ލައިފް އޭގެ އެންމެ ފުރިހަމައަށް އަދާކުރާ ދެމީހުން ކަމުގައިވުން. އޭނަ ވެސް އަބަދުވެސް ޝޫޓިންގައި އުޅެނީ. އަހަރެން ވެސް އެހެން. އެހެންވީމަ މާ ގިނައިން އަހަރެމެން ދެމީހުން އެކުގައި ވެސް ވަރަށް ނުފެންނާނެ. ނަމަވެސް އެއީ ހަގީގީ ގުޅުމުގެ އެންމެ ކޮންފޯޓް ލެވެލް،" އާލިއާ ބުންޏެވެ.
އާލިއާ އާއި ރަންބީރުގެ ކައިވެންޏާ ގުޅިގެން މީގެ ކުރިން ވަނީ ފޭކް އެންގޭޖްމަންޓް ކާޑެއް ވެސް ދައުރުވެފައެވެ. ނަމަވެސް އެ ކާޑު ދޮގު ކުރީ އާލިއާގެ މަންމަ ސޯނީ ރަޒްދަން އަދި ބޮޑުބޭބެ މުކޭޝް ބަޓް އެވެ.
ކާޑުގައި އާލިއާގެ ސްޕެލިން ނުބައިކޮށް އޮތްއިރު، އޭގައި އޮތް ގޮތުންނަމަ އާލިއާއަކީ ސޯނީ އަދި މުކޭޝް ބަޓްގެ ދަރިއެކެވެ. ނަމަވެސް މުކޭޝްއަކީ އާލިއާގެ ބޮޑުބޭބެއެވެ. އޭނާގެ ބައްޕައަކީ މަހޭޝް ބަޓްއެވެ.
ކާޑުގައި އޮތް ގޮތުންނަމަ އާލިއާ އަދި ރަންބީރުގެ އެންގޭޖްމަންޓް މިދިޔަ މަހު ކުރެވިގެންދާނެއެވެ. ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަން އާއިލާއިން ވަނީ ހާމަކޮށްފައެވެ.