ލައިފް ސްޓައިލް

މާބަނޑު ދުވަސްވަރު ފެން ބޯން ޖެހޭ މިންވަރު

އަލީ ޔާމިން

މާބަނޑު ދުވަސްވަަރަކީ އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އަދި އެންމެ ވޭން ހުރި އެއް ދުވަސްވަރެވެ. މާބަނޑުވުމަށް ފަހު އެކި ކަހަލަގެ އުނދަގޫތަކާއި މައިމީހާ ކުރިމަތިލާން ޖެހެއެވެ. މައިމީހާގެ ރަހިމުގައި ހެދިބޮޑުވަމުން އަންނަ ތުއްތު ކުއްޖާގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ކޮންމެ މަޔަކުވެސް ބޭނުންވާނެ ކަމަށެވެ. އެގޮތުން މާބަނޑު ދުވަސްވަރު ދުޅަހެޔޮ ކާނާ ކެއުމާއި، ރަނގަޅު ނޫން އާދަތަކުން ދުރުހެލިވާން ޖެހެއެވެ. ހާއްސަގޮތެއްގައި މާބަނޑު ދުވަސްވަރު އިހުނަށްވުރެ ބޮޑަށް ސިއްހަތައް ސަމާލުކަން ދޭން ޖެހެއެވެ. އަދި އެ ދުވަސްވަރު ދުޅަހެޔޮކަންމަތީ ހުރުމަށް ކުރެވިދާނެ ކަންކަން އެނގިފައި އޮތުމަކީވެސް މުހިންމު ކަމެކެވެ.

މާބަނޑު ދުވަސްވަރު ގިނައިން ފެން ބުއިމަކީ ސިއްހީ މާހިރުން ލަފާ ދޭ ކަމަކެވެ. އެގޮތުން މާބަނޑު އަންހެނަކު ދުވާލަކު 1.5 - 2 ލީޓަރުގެ ފެން ބޯން ޖެހޭނެއެވެ. އަދި މަސައްކަތެއް ކުރާނަމަ މަސައްކަތް ކުރާ ކޮންމެ ގަޑިއަކު 250 މިލިލީޓަރުގެ ފެން އިތުރަށް ބޯން ޖެހޭނެއެވެ. އެއީ މައިމީހާ ކާ ކާނާ، ރަހިމުގައި ހެދިބޮޑުވަމުން އަންނަ ދަރިފުޅާއި ހަމަޔަށް ވާސިލްކޮށްދެނީ ފެނުގެ ސަބަބުން ކަމަށްވާތީއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މާބަނޑު ދުވަސްވަރު ގިނައިން ފެން ބުއިމަކީ ރަހިމުގައިވާ ކުއްޖާއަށް ޖެހޭ ބަލިތައް މަދުކުރުވާ ކަމަކެވެ. ހާއްސަގޮތެއްގައި ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިކަން ލިބޭ ކަމެކެވެ. މިކަން މިގޮތަށް ވަނީ ގިނައިން ފެން ބުއިމުގެ ސަބަބުން ކުޑަކަމުދާ އެއްޗެތީގެ ޒަރީއާއިން އެ ނިޒާމު ސާފުކޮށް ބެކްޓީރިއާ ފަދަ ތަކެތި ދޮވެލާތީއެވެ.

މާބަނޑު ދުވަސްވަރު ގިނައިން ފެންބޯން ބޭނުން ނުވާ ނަމަ ސިއްހަތަށް ގެއްލުން ނުލިބޭ ދިޔާތަކެތި ބޭނުންކުރުމުގައިވެސް މައްސަލައެއް ނެތެވެ. އެގޮތުން ޖޫސް އަދި ކިރުފަދަ ބުއިންތައް ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް މާބަނޑު ދުވަސްވަރު އެނާޖީ ބުއިންތަކާއި، ފިޒީ ބުއިންތަކުގެ އިތުރުން ކެފެއިން އެކުލެވޭ ބާވަތްތައް ބުއިމަކީ ރައްކާތެރިކަމެއް ނޫނެވެ. އެހެނީ އެތަކެތީގެ ސަބަބުން ހަށިގަނޑަށް ނަގާ ފެން މަދުކޮށް، ކުޑަކަމުދާ އެއްޗެތި އިތުރުކުރުވާތީއެވެ.

މާބަނޑު ދުވަސްވަރު ފެން ބުއިމުގައި ބައެއް ކަހަލަ ކަންކަމަށް ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން އެއްފަހަރާ ގިނައިން ފެން ބުއިމުގެ ބަދަލުގައި އެކި ފަހަރު މަތިން ފެން ބުއިމަކީ މުހިންމު ކަމެކެެވެ.

ހަށިގަނޑަށް ފެން ލިބެނީ ހަމައެކަނި ބޯ އެއްޗިއްސަކުން ނޫނެވެ. ކާއެއްޗިހިންވެސް ހަށިގަނޑަށް ފެން ލިބޭއިރު ހަށިގަނޑަށް އެތެރެކުރެވޭ ފެނުގެ 20 ޕަސެންޓަކީ ކާއެއްޗެހިން އެތެރެވާ ފެނެވެ.