އަބްދުﷲ ޝާހިދު

ފަލަސްތީނުގެ މައްސަލައިގައި ރާއްޖެ އޮންނާނީ އިސްލާމީ ގައުމުތައް އޮންނަ ގޮތަކަށް: ފޮރިން މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

ފަލަސްތީނާއި އިޒުރޭލުގެ މައްސަލައިގައި ރާއްޖެއިން އަމަލުކުރާނީ އިސްލާމީ ގައުމުތަކުން އަމަލުކުރާ ގޮތަކަށް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީނާއި އިޒުރޭލުގެ މައްސަލައަކީ މީގެ އެތައް އަހަރެއްގެ ކުރިން ކުރިމަތިވެފައިވާ ބޮޑު މައްސަލައެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އިޒުރޭލާއި ފަލަސްތީނުގެ މައްސަލައިގައި ހައްލު ލިބިގެންދާނީ އެ ދެ ގައުމުން މަޝްވަރާކޮށްގެން ކަމަށެވެ.

ފަލަސްތީނާއެކު ދިވެހި ސަރުކާރުން ގުޅުން ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި، މިނިސްޓަރު ޝާހިދު ވިދާޅުވީ އެމަނިކުފާނު ވަޒީރު ކަމަށް އައްޔަން ކުރެއްވުމާއެކު ބޭރުގެ ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަވެސް ބައްދަލުކުރެއްވީ ފަލަސްތީނުގެ އިސް ފަރާތްތަކާއެކުގައި ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޤުދުސްގެ މައްސަލައިގައި ރާއްޖެ އެންމެ އިންޗިއަކަށް ވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، އެކަމުގައި ދުލެއް ދެވެން ނެތް ކަމަށެވެ.

''ގުދުސްގެ މައްސަލައިގައި ރާއްޖެއިން އެންމެ އިންޗިއެއް ވެސް ދުލެއް ނުދޭނަން. އެކަމުގައި ރާއްޖެ ފަހަތަކަށް ނުޖެހޭނަން. ފަލަސްތީނާއި އިޒުރޭލުގެ މައްސަލައިގައި ރާއްޖެއިން ވެސް އަމަލުކުރާނީ އިސްލާމީ ގައުމުތަކުން އަމަލުކުރާ ގޮތަށް،" މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ހުރިހާ ގައުމަކާއެކު ވެސް ގުޅުން ބަދަހި ކުރާނެ ކަމަށެވެ. ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އެކްސްޕެޓްރިއޭޓްސް، ޑރ. ރިއާދް މަލްކީ އާއެވެ.