ކްލަބު ގްރީން ސްޓްރީޓްސް

ގްރީނުން ސުޒޭނަށް ރިލީޒް ދީފި

ކްލަބު ގްރީން ސްޓްރީޓްސް އިން ކޯޗު އަލީ ސުޒޭނަށް ރިލީޒް ދީފިއެވެ.

ގްރީނުން ބުނީ 2018 ވަނަ އަހަރު އެކްލަބުގެ ކޯޗުކަމާ ހަވާލުވި ސުޒޭނަށް އެކްލަބުން ރިލީޒް ދީފައިވަނީ ދެ ފަރާތް އެއްބަސްވެގެން ކަމަށެވެ.

ގްރީނުން ވަނީ އެކްލަބަށް ސުޒޭން ހޯދައިދިން ކާމިޔާބީތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި ކުރިމަގުގައި ސުޒޭނަށް ކާމިޔާބީއަށް އެދޭ ކަމަށް ވެސް ގްރީނުން ވަނީ ބުނެފައެވެ.

ސުޒޭން ވަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިދީފައެވެ. އެ ކާމިޔާބީއަކީ 2018 އިން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ގްރީނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއެވެ. ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ފުރަތަމަ ސީޒަނުގައި ގްރީނަށް ހޯދުނީ ލީގުގެ ފަސްވަނައެވެ.

ސުޒޭން އެންމެ ފުރަތަމަ ފެނިގެންދިޔައީ 2002 ވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ. ހަ އަހަރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު 2009 ވަނަ އަހަރު ސުޒޭން ވަނީ ވިކްޓަރީގެ ހެޑް ކޯޗުކަމުގެ މަގާމާ ހަވާލުވެފައެވެ. ވިކްޓަރީގެ ހެޑް ކޯޗުގެ ގޮތުގައި މަސައްކަތްކޮށް، ސުޒޭން ވަނީ އެ ކްލަބަށް ދެ އެފްއޭ ކަޕާއި ދެ ޕްރެޒިޑެންޓްސް ކަޕް ހޯދައިދީފައެވެ.

ސުޒޭން ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ވެސް ކާމިޔާބީތަކެއް ހޯދައިދީފައެވެ. މާޒިޔާއަށް 2014 އިން ފެށިގެން 2016އަށް އިރުޝާދު ދިން ސުޒޭން ވަނީ އެކްލަބަށް 2016ގެ ދިވެހި ޕްރިމިއާ ލީގާއި 2015ގެ ޕްރެޒިޑެންޓްސް ކަޕާއި 2014ގެ އެފްއޭ ކަޕުގެ އިތުރުން 2015 އާއި 2016ގެ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްދީފައެވެ.