ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށު ތެރޭގައި ހަރަކާތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ރިޔާޒް މިހެން ވިދާޅުވެފައިމިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިޔަކަށް ވަޅިން ހަމަލާދިން މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެފައެވެ.
ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށު ތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ދެކޭ ކަމަށާއި ގައުމު އަމާން ކުރެވޭނީ ފުލުހުން ބާރުވެރި ކުރެވިގެން ކަމަށެވެ.
"ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސްވަޓް ފުލުހުން ފިސްތޯލަ ހިފައިގެން ރަށު ތެރޭގައި ހަރަކާތްތެރިވާން ޖެހޭ ހާލަތު އަތުވެއްޖެ ކަމަށް ދެކެން. ފުލުހުން ބާރުވެރި ކުރެވިގެން ގައުމު އަމާން ކުރެވޭނީ." ރިޔާޒް ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ 8:10 ހާއިރު ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން ފަތުރުވެރިންނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ހަ ދިވެހިން ވަނީ ހައްޔަރުކޮށްފައެވެ. އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާގެ ފިރިހެނެކެވެ.
އެ ހަމަލާއަކީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ފުލުހުން ބުނެފައިވާ އިރު، ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ، ދިވެހީން އަޑު އަޅާފައިވާ ވީޑިއޯއެއް ރޭ އިރާކޮޅު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯއަކީ ބޭރުގެ ނިރުބަވެރި ޖަމާއަތެއްގެ ރާއްޖޭގެ ގޮފިން އާންމުކުރި ވީޑިއޯއެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ދިން ހަމަލާގައި ޒަހަމްވި ތިން މީހުންގެ ތެރެއިން އެކަކު ދޫކޮށްލާފައިވާ ކަމަށާއި އަނެއް ދެމީހުންނަށް އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ ކަމަށެވެ. މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށް ފުލުހުން ބުނެއެވެ.