ޖުމްހޫރީ ޕާޓީ

މޫސާ އަލީ ޖަލީލް އާއި ހުސައިން އަރީފް ޖޭޕިއަށް ސޮއި ކުރައްވައިފި

އަހުމަދު ޖައިޝަން

ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް އާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފި އެވެ.

ދާދި ދެންމެއަކު އެ ދެ ބޭފުޅުން އެ ޕާޓީއަށް ސޮއިކުރައްވާފައިވަނި މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މެމްބަރުން ސޮއިކުރެއްވުމުގެ ކުރީން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވީ މިއަދަކީ އެހެން ދުވަސްތަކަށްވުރެ ތަފާތު ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ތާރީހީ ދުވަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

ސޮއިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން މޫސާ އަލީ ޖަލީލް ވަނީ ޖޭޕީއަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން ޕާޓީތަކުގައި ހިމެނޭ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަރީފް ވިދާޅުވީ ޖޭޕީއަށް ގުޅުމުގެ ފަހަތުގައި އެއްވެސް ފޮރުވިފައިވާ މާނައެއް ނުވާނެ ކަމަށެވެ.

"ޖޭޕީއަށް ގުޅުނީ ސަރުކާރުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ޖޭޕީގެ ލީޑަރަށް ދެވެން އޮތް އެހީއެއް ދެއްވުމަށް،" އޭނާ ވިދާޅުވިއެވެ.