ވިޔަފާރި

ދިރާގުން ހިއްސާއަކަށް 12 ރުފިޔާ ބަހަނީ

އަލީ ޔާމިން

ދިވެހިރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި ދިރާގަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 12 ރުފިޔާ ބަހަން ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ދިރާގުން މިއަދު ބުނީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 912 މިލިއަން ރުފިޔާ، ކުންފުނީގެ ކުރިއަށް އޮތް އަހަރީ އާއްމު ޖަލްސާގައި ފާސްކުރަން ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ދިރާގުގެ މިދިޔަ އަހަރުގެ ފައިދާ ބެހިގެންވަނީ ދެ ބަޔަކަށެވެ. އެއީ ހިއްސާއަކަށް 4.14 ރުފިޔާގެ މަގުން އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ބެހި 314.6 މިލިއަން ރުފިޔާގެ އިތުރުން، ހިއްސާއަށް 7.86 ރުފިޔާގެ މަގުން ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން ހުށަހަޅާ ފައިނަލް ޑިވިޑެންޑެވެ. އެގޮތުން ފައިނަލް ޑިވިޑެންޑުގެ ގޮތުގައި ބަހަން ނިންމާފައިވަނީ 597.3 މިލިއަން ރުފިޔާއެވެ.

އެ ކުންފުނިން ބުނީ، މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ކަނޑައަަޅައި ފައިދާ ބަހާނީ މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ކުންފުނީގެ ރަޖިސްޓާގައިވާ ހިއްސާދާރުންނަށް ކަމަށެވެ.

ދިރާގުން ބުނީ އެކުންފުނީގެ އަހަރީ އާއްމު ޖަލްސާގެ އެޖެންޑާ އަދި ނޯޓިސް 31 މާރިޗްގެ ކުރިން ޕަބްލިޝް ކުރާނެ ކަމަށެވެ.