ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

އިހުމާލުވެފައެއް ނޯންނާނެ، އިސްތިއުފާދިނީ މަސްލަހަތަށްޓަކައި: ޝިދާތާ

އަލީ ޔާމިން

މިނިސްޓަރު ކަމުގެ މަގާމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރެއްވި އިރު، އިހުމާލުވެވަޑައިގެންފައި ނުވާނެ ކަމަށާއި ވަޒީރުކަމުން އިސްތިއުފާދެއްވީ މި ވަގުތަށް ބަލާ އިރު އެއީ މަސްލަހަތު އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާތީ ކަމަށް، ޖެންޑާ މިނިސްޓަރު ކަމުން މިއަދު އިސްތިއުފާދެއްވި ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ޝިދާތާ މިހެން ވިދާޅުވީ، އަދާލަތު ޕާޓީގެ ޚާރީޖީ ގުޅުންތަކާ ބެހޭ މުގައްރިރުގެ ހައިސިއްޔަތުން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގަ އެވެ. ޝިދާތާ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގަ އެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގަމުން އަންނަ ނުތަނަވަސްކަމާއި، 17 ނޮވެމްބަރު 2018 ވަނަ ދުވަހުގެ ކުރިން ވޭތުވެދިޔަ 10 ވަރަކަށް އަހރު ރާއްޖޭގެ ސިޔާސީ މަޝްރަހު އިންތިހާއަށް ހަލަބޮލިވެ އިޖުތިމާއީ ދާއިރާގައި ހުރި މައްސަލަތަކުގެ ވާހަކަދައްކާނެ ފުރުސަތު ނުލިބި އޮތްއޮތުން ނިމުމަކަށް އައިސް، ކުރިން ހިނގަމުން އައި އެހެންނަމަވެސް އެއިރު ސަރުކާރާއި އަދި ރައްޔިތުންވެސް ސަމާލުކަން ނުލިބި ހުރި މައްސަލަތައް އިންތިހާއަށް އިތުރުވެ ރައްޔިތުން ސަރުކާރާއި މިނިސްޓްރީގެ މައްޗަށް ކުރާ އިތުބާރު ކުޑަވެދާނެތީ މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތަކީ މަގާމުން އިސްތިއުފާ ދިނުން ކަމުގައި ފެންނާތީ މިނިސްޓަ އޮފް ޖެންޑާ އެންޑް ފެމިލީ އެންޑް ސޯސަަލް ސާވިސަސްގެ މަގާމުން އިސްތިއުފާ ދީފީމެވެ..،" ބަޔާނުގައިވެއެވެ.

ޝިދާތާގެ ބަޔާނުގައި ބުނީ ޖެންޑާ މިނިސްޓަރުގެ މަގާމާ ހަވާލުވެލެއްވުމަށް ފަހު އިސްތިއުފާދެއްވުމާ ހަމައަށްވެސް މަސައްކަތްކޮށްފައިވާނީ އެކަމަނާއަށް ލިބިފަިއިވާ އިލްމާއި ލަގާނަތާއި ތަންދިން އެންމެ މަތީ މިންވަރަކުން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓުން އަރުވަމުންދިޔަ މަޝްވަރާއާއެކު ހަރުދަނާ ގޮތެއްގައި ވުޒާރާ ހިންގުމުގައި ކަމަށެވެ.

ޝިދާތާގެ ބަޔާނުގައި ބުނީ ގިނަ ގޮންޖެހުންތަކާއެކުވެސް ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހާލަތު ރަނގަޅު ކުރުމަށާއި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަން ގަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިވެހި އަންހެނުންނަށާއި، ކުޑަކުދިންނަށާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވަމުންދާ ބޮޑެތި މައްސަލަތައް ހުރުމާއެކުވެސް އެފަދަ ކަންކަމާ މީގެ ކުރިން އަޅާލެވިފައިނުވާ މިންވަރަށް އަޅާލެވި، ދެމެހެއްޓެނިވި ހައްލުތައް ހޯދައިދިނުމަށް މަސައްކަތް ފެށިފައިވުން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ޝިދާތާގެ ދިގު ބަޔާނުގައި ބުނީ، އެ ބޮޑު ނިންމުން ނިންމީ މިވަގުތު ފެންމަތިވަމުން އަންނަ މައްސަލަތަކުގައި އެކަމަނާއާއި، އެކަމަނާގެ ޓީމުގެ އެއްވެސް އިހުމާލެއް ނޯންނާނެކަން ޔަގީންވާތީއާ އެކުވެސް ކަމަށެވެ.

ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާދިން ނަމަވެސް ރައްޔިތުންނާއި ދިވެހި ގައުމަށް ހިދުމަތްކުރުމުގައި ދެމިހުންނާނެ ކަމަށް ޝިދާތާ ވިދާޅުވިއެވެ.