މިނިސްޓަރު އިމްރާން އަބްދުﷲ

ޝިދާތާ އަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް: މިނިސްޓަރު އިމްރާން

އައިދާ އަބްދުލް ހަކީމް

އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރު ގަދަ ކަނބަލެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީ އާއި ޚުދު އެމަނިކުފާނަށް ވެސް ޝިދާތާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާނީ މިންކުރެވޭ ވަރަށް ވުރެ ބޮޑު ކަމަށެވެ.

"ޝިދާތާގެ ދަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން އަދި ގާތްވެސް ނުވޭ. ސިޔާސީ ހަރަކާތުގައި ޝިދާތާ އަކީ އަދާލަތު ޕާޓީގެ އެއް މުގޫ." އިމްރާންގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކުޑަ ކުދިންނާއި ގުޅޭ މައްސަލަ ތަކުގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިހުމާލު ވުން އޮތް ކަމަށް ބުނެ އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ވެސް ވަނީ ޝިދާތާ މަގާމުގައި ހުންނަން ނުފެންނަ ކަމަށް ބުނެފައެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލެއްވީ، ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު ހުރި މައްސަލައިގައި، ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ ޝިދާތާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި އިތުބާރު ނެތްކަމަށް ނިންމައި މަގާމުން ދުރުކުރާނެ ކަމަށް ވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، މިނިސްޓަރުކަމުން ޝިދާތާ ވަނީ މިއަދު އިސްތިއުފާދެއްވައިފަ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޝިދާތާ ޝަރީފްގެ އިސްތިއުފާ ލިބިވަޑައިގެންފައިވާ ކަމަށާއި، މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސްގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތަށް އެކަމަނާއަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ޖެންޑާ މިނިސްޓަރު ކަމަށް ޝިދާތާ އައްޔަންކުރެއްވީ، 17 ނޮވެމްބަރު 2018 ގައެވެ.

ޝިދާތާއަކީ މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ވަޒީރެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ނައިބުގެ ގޮތުގައި، ޖެންޑާ މިނިސްޓްރީއަށް ޝިދާތާ ފުރަތަމަ އައްޔަން ކުރެއްވީ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ.

އަދި އޭގެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޝިދާތާއަށް އެ މަގާމު ދެއްވިއެވެ. ނަމަވެސް އަދާލަތު ޕާޓީން ސަރުކާރާ އެކު މަސައްކަތް ނުކުރުމަށް ނިންމުމުން 2015 ވަނަ އަހަރުގެ މާޗް 22 ގައި ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވިއެވެ. އެއަށްފަހު މި ސަރުކާރު ގެނައުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޝިދާތާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.