ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މިނިސްޓަރު ޝިދާތާ އިސްތިއުފާދެއްވައިފި

މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝިއަލް ސާވިސެސް، ޝިދާތާ ޝަރީފު މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިދާތާ ޝަރީފްގެ އިސްތިއުފާ ލިބިވަޑައިގެންފައިވާ ކަމަށާއި، މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސްގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ ހިދުމަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

ޝިދާތާ މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށް ބޭނުންވާ ޒުވާނަކު ހުރި މައްސަލައިގައި، ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނެ، ޝިދާތާގެ އިސްއިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް ގޮވާލައްވާފައި ވަނިކޮށެވެ.

މިއަދު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް، މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި ޝިދާތާ ވަނީ ވިދާޅުވެފައެވެ.

މުވައްޒަފުންނާ ބައްދަލު ކުރައްވައި ޝިދާތާ މިއަދު ވިދާޅުވީ، މިނިސްޓަރު ކަމުގެ މަގާމުން ދުރަށް ވަޑައިގަތަސް ސަރުކާރާ އެކުގައި ހުންނަވާނެ ކަމަށާއި އިދިކޮޅާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ. އަދި މިހާ ހިސާބުން މުވައްޒަފުން ކުރިޔަށް ވަޑައިގަތުމަށް އެދި ވަޑައިގަންނަވައި، ކޮށްދެއްވި މަސަައްކަތްތަކަށް މުވައްޒަފުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

ޝިދާތާގެ އިސްތިއުފާއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލެއްވީ، ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވޭ ގ. ނީރުވީކް އަހުމަދު ހިޝާންގެ، ބެލުމުގެ ދަށުގައި، ހާއްސަ އެހީއަށްބޭނުންވާ ޒުވާނަކު ހުރި މައްސަލައިގައި، ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

އެ މެންބަރުން ތުހުމަތު ކުރައްވާފައިވަނީ ހިޝާން އަކީ އެބާވަތުގެ މައްސަލައިގެ ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ޖެންޑާ މިނިސްޓްރީއަށް ކުރިންވެސް އެނގޭ ކަމަށެވެ. އަދި އެ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނާގެ ބެލެނިވެރިކަން ހިޝާނަށް ނުދިނުމަށް ފެމިލީ ކޯޓުން ނިންމާފައި ވާއިރު، އިއްޔެއާ ހަމައަށް އެ ޒުވާނާ ހިޝާންގެ ބެލުމުުގެ ދަށުގައި ހުރުމަކީވެސް މިިނިސްޓްރީގެ އިހުމާލު އޮތް ކަމެއް ކަމަށް ވިދާޅުވެފައި ވެއެވެ.

މަޖިލިސް މެންބަރުން ވިދާޅުވީ އެ މައްސަލައިގައި މިނިސްޓަރު ކަމުގެ މަގާމުން ޝިދާތާ އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައިގެންވެސް މަގާމުން ވަކި ކުރާނެ ކަމަށެވެ. އަދި ޝިދާތާ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވެސް އިއްޔެ ވަނީ ނިންމައިފައެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން އިއްޔެ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން އެގޮތަށް ނިންމާފައި ވާއިރު، މަގާމުން އިސްތިފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަނީ ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެން އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ ޖެންޑާ މިނިސްޓަރު ކަމަށް ޝިދާތާ އައްޔަންކުރެއްވީ، 17 ނޮވެމްބަރު 2018 ގައެވެ.

ޝިދާތާއަކީ މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން އެންމެ ފުރަތަމަ އިސްތިއުފާ ދެއްވި ވަޒީރެވެ.

މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ނައިބުގެ ގޮތުގައި، ޖެންޑާ މިނިސްޓްރީއަށް ޝިދާތާ ފުރަތަމަ އައްޔަން ކުރެއްވީ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައެވެ.

2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޝިދާތާއަށް އެ މަގާމު ދެއްވިއެވެ. ނަމަވެސް އަދާލަތު ޕާޓީން ސަރުކާރާ އެކު މަސައްކަތް ނުކުރުމަށް ނިންމުމުން 2015 ވަނަ އަހަރުގެ މާޗް 22 ގައި ޖެންޑާ މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުން ޝިދާތާ އިސްތުއުފާ ދެއްވިއެވެ. އެއަށްފަހު މި ސަރުކާރު ގެނައުމުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޝިދާތާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.