އަދާލަތު ޕާޓީގެ ރައީސަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފިއެވެ.
އިމްރާންގެ މައްޗަށް ކުރި ޖަލު ހުކުމުގެ މައްސަލަ މިއަދު ބާތިލުކޮށްފައި ވަނީ އެ މައްސަލަ އަލުން ރިވިއުކުރުމަށް ހުށަހެޅުމުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ 2015ގެ މެއި އެއްވަނަ ދުވަހުގެ މުޒާހަރާގައި ވާހަކަ ދައްކާ ނިންމާލަމުން އިމްރާން ވިދާޅުވެފައިވަނީ އެންމެން އިސްލާމީ މަރުކަޒަށް ދިއުމަށް ކަމަށާއި އެކަން ދައުލަތުން މާނަކޮށްފައިވަނީ އެއީ އެއްވުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނެއްކަން އެނގިހުރެ އެތަނަށް އެއްވާން ގޮވާލާފައިވަނީ ފުލުހުންނާ ކުރިމަތިލުމަށް ކަމަށެވެ.
އެ މައްސަލާގައި އިމްރާން ފާހަގަކޮށްފައިވާ ކަންކަމަކީ ސަރީހަ ބަހުން އެއިން އެހެން މާނައެއް ދޭހަނުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށާއި އިމްރާންގެ ވާހަކަތަކުން އެދުވަހުގެ މުޒާހަރާގައި ހަމަނުޖެހުން ނުހިންގުމަށާއި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަށް ބާރު އަޅާފައިވާކަން ސަރީހަ އިބާރާތުން ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ހުކުމުގައި ވަނީ އިމްރާނަށް ކޮށްފައިވާ ދައުވާ ބިނާކޮށްފައިވަނީ ރަނގަޅު އަސާސެއްގެ މައްޗަށް ނޫން ކަމަށާއި ކުށެއް ކުރިކަން ދައުވާ ކުރަން ޖެހޭނީ އެކުށެއްގެ ކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުން ކަމަށެވެ. އަދި އިމްރާންގެ ވާހަކަތަކުން އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަކަށާއި އަނިޔާވެރިކަން އިސްކުރުމަށް ނުވަތަ ހަމަނުޖެހުން ހިންގަން ދޭހަވާ ގޮތަށް ވާހަކަ ދައްކާފައިނުވާކަން ސާބިތުވާ ކަމަށާއި އެ މުޒާހަރާގައި ހިނގާފާނެ އަނިޔާވެރިކަމެއް ނުވަތަ ހަމަނުޖެހުމެއް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ހުކުމުގައިވެއެވެ.
ހުކުމުގައި ވަނީ ވަކިވަކި ފަރުދުން ކުރާ ކުށެއްގެ ޒިންމާ އެ މުޒާހަރާއެއް ރާވައި ހިންގާ ފަރާތުން ނަގަން ނުޖެހޭނެ ކަމަށާއި އެގޮތަށް ޒިންމާ ނަގަން ޖެހޭނީ އެ ފަރުދުންނާއި އިންތިޒާމްކުރި ފަރާތާ ގުޅިގެން ކަމެއް ހިންގިކަން ސާބިތުކޮށްދީގެން ކަމަށެވެ. ނަމަވެސް އެކަން ދައުލަތުން ސާބިތުކޮށްދީފައި ނުވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.
ދައުލަތުން އިމްރާންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށް، ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ވެސް ބާތިލްކުރުމަށް މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ވަނީ ނިންމައިފައެވެ.