މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ބިދޭސީ ތިން މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގަައި ވަނީ މި މައްސަލައިގައި މިހާތަނަށް ޖުމުލަ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ހައްޔަރުކޮށްފައިވާ މީހުންނަކީ ކޮން ގައުމެއްގެ ބަޔަކު ކަމެއް އަދި އެމީހުން ހައްޔަރުކުރީ ކޮން އިރަކު ކަމެއް ފުލުހުން ނުބުނެ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ބުނެފައެވެ. ފުލުހުން މިހެން ބުނެފައިވާއިރު ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ، ދިވެހީން އަޑު އަޅާފައިވާ ވީޑިއޯއެއް ރޭ އިރާކޮޅު ވަނީ ސޯޝިއަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯއަކީ ބޭރުގެ ކޮންމެވެސް ޖަމާއަތަކާ ގުޅޭ ރާއްޖޭގެ ގޮތްޕަކުން އާންމުކުރި ވީޑިއޯއެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެއީ ކިހާ ވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.
ފުލުހުން ވަނީ ރޭ މި ވީޑިއޯ އާންމު ވުމާއެކު މި ވީޑިއޯއަކީ ސައްހަ ވީޑިއޯއެއްތޯ ބެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ހަމަލާގައި އަނިޔާވި މީހުންގެ ހާލު ގާތުން ބަލުން އަންނަ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ.
ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 8:10 އެހާކަންހާއިރު އެވެ. އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާންމުންގެ އެހީތެރިކަމާ އެކު އެވެ.
އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނެކެވެ.
ފުލުހުން ބުނީ، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.