ކުރީގެ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފު

މިނިސްޓަރު ޝިދާތާ މިއަދު އިސްތިއުފާދެއްވަން ނިންމަވައިފި

މަރިޔަމް ޝަހުދާ

މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝިއަލް ސާވިސެސް، ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާދެއްވަން ނިންމަވައިފި އެވެ.

އިސްތިއުފާ ދެއްވަން ނިންމެވިކަން މިނިސްޓަރު ޝިދާތާ ވަނީ މިއަދުގެ ހެނދުނު އެ މިނިސްޓްރީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ހިއްސާކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި އިން މުވައްޒަފަކު "ވަން އޮންލައިން" އަށް ކިޔައިދިން ގޮތުގައި މިނިސްޓަރު ޝިދާތާ ވަނީ މުވައްޒަފުންގެ ފަރާތުން މިހާތަނަށް ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށް ޓަކައި ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބައްދަލުވުމުގައި ޝިދާތާ ދެއްކެވި ވާހަކައިގެ އޯޑިއޯ ރެކޯޑިންގެ ބައެއްވެސް "ވަން" އަށް ވަނީ ލިބިފަ އެވެ. "މިތަނުގެ މަގާމުން އިހަށް ދުރަށް ޖެހިލަން، އެހެން ނަމަވެސް އަޅުގަނޑުގެ މިދިޔަ މުއްދަތުގެ ތެރޭގައި ތި ހުރިހާ ބޭފުޅުން ވެސް." ވަން އަށް ލިބިފައިވާ އޯޑިއޯގެ އެއްބައިގައި ޝިދާތާ ވިދާޅުވެފައި ވެއެވެ.

ވަން އަށް މައުލޫމާތު ދިން މުވައްޒަފު ބުނީ، މި ވަގުތުގެ ގޮތުން މަގާމުން ދުރަށް ޖެހިވަޑައިގަންނަވަނީ ކަމަށާއި ކުރީން ނުވެ ހުރި ވަރަށް ގިނަ ކަންކަން ކުރެވިފައިވާ ކަމަށާއި މިހާ ހިސާބުން މުވައްޒަފުން ކުރިޔަށް ވަޑައިގަތުމަށް މިނިސްޓަރު ޝިދާތާ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އަދި މަގާމުން ދުރަށް ވަޑައިގަތަސް ހުންނަވާނީ ސަރުކާރާ އެކުގައި ކަމަށާއި އިދިކޮޅާ ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެސް މިނިސްޓަރު ޝިދާތާ ވިދާޅުވި ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ތަރުޖަމާނު، އިބްރާހީމް ހޫދު ވިދާޅުވީ ޝިދާތާ އިސްތިއުފާދެއްވިކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

މިނިސްޓަރު މުވައްޒަފުންނާ ބައްދަލުކުރައްވައި މިފަދަ ވާހަކައެއް ދެއްކެވިތޯ ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ތިފަދަ މައުލޫމާތު ދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރު މުވައްޒަފުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމާއި އެ ބައްދަލުކުރެއްވުމުގައި ދެއްކެވި ކަމަށް ބުނާ ވާހަކަތައް މީޑިއާ އޮފިޝަލު ދޮގެއް ނުކުރައްވަ އެވެ.

މިނިސްޓަރު ޝިދާތާ މިނިސްޓަރު ކަމުގައި ހުންނަވަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި، އެ ބައްދަލުވުމުގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ. އަދި އިސްތިފާ ނުދެއްވައިފި ނަމަ، އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރަކު ވަނީ ވިދާޅުވެފަ އެވެ.