ޕޮލިސް

ހުޅުމާލޭގައި ބިދޭސީ ތިން މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

މިދިޔަ އަންގާރަ ދުވަހުގެރޭ ހުޅުމާލޭގައި ބިދޭސީން ތިން މީހަކަށް ވަޅިން ހަމަލާ ދިން މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ދެ މީހަކު ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކޮން އިރަކު ކަމެއް އަދި ހައްޔަރުކުރީ ކޮން ގައުމެއްގެ ބަޔަކު ކަމެއް ވެސް ފުލުހުންނެއް ނުބުނެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ހުޅުމާލޭގައި ބިދޭސީން ތިން މީހަކަށް ހަމަލާ ދީފައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އެ ހަމަލާދިން ކަމަށް ބެލެވެނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ފުލުހުން ބުނިއިރު، ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ، ދިވެހީން އަޑު އަޅާފައިވާ ވީޑިއޯއެއް ރޭ އިރާކޮޅު ވަނީ ސޯޝިއަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯއަކީ ބޭރުގެ ކޮންމެވެސް ޖަމާއަތަކަކާ ގުޅޭ ރާއްޖޭގެ ގޮތްޕަކުން އާންމުކުރި ވީޑިއޯއެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެއީ ކިހާ ވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، އެ ހަމަލާގައި އަނިޔާވި މީހުންގެ ހާލު ގާތުން ބަލުން އަންނަ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހަމަލާއާ ގުޅިން ހުރި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 8:10 އެހާކަންހާއިރު އެވެ. އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާންމުންގެ އެހީތެރިކަމާ އެކު އެވެ.

އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނެކެވެ.

ފުލުހުން ބުނީ، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.