ޕޮލިސް

ހުޅުމާލޭގައި ބިދޭސީ ތިން މީހުންނަށް ހަމަލާދިނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ބެލެވޭ: ޕޮލިސް

1

މިދިޔަ އަންގާރަ ދުވަހުގެ ރޭ އިރާކޮޅު ހުޅުމާލޭގައި ބިދޭސީން ތިން މީހަކަށް ހަމަލާ ދީފައި ވަނީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގަ އެވެ.

އެ ހަމަލާދިން ކަމަށް ބެލެވެނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ފުލުހުން ބުނިއިރު، ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ، ދިވެހީން އަޑު އަޅާފައިވާ ވީޑިއޯއެއް ރޭ އިރާކޮޅު ވަނީ ސޯޝިއަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯއަކީ ބޭރުގެ ކޮންމެވެސް ޖަމާއަތަކަކާ ގުޅޭ ރާއްޖޭގެ ގޮތްޕަކުން އާންމުކުރި ވީޑިއޯއެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް އެއީ ކިހާ ވަރެއްގެ ހަގީގަތެއް ކަމެއް ނޭނގެ އެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ، އެ ހަމަލާގައި އަނިޔާވި މީހުންގެ ހާލު ގާތުން ބަލުން އަންނަ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި ހަމަލާއާ ގުޅިން ހުރި ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހުޅުމާލެ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 8:10 އެހާކަންހާއިރު އެވެ. އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އާންމުންގެ އެހީތެރިކަމާ އެކު އެވެ.

އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ޗައިނާގެ ދެ ފިރިހެނުންނާއި އޮސްޓްރޭލިއާ ފިރިހެނެކެވެ.

ފުލުހުން ބުނީ، މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންނަށް ހަމަލާދިނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެ މީހަކު ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟