އޭއެފްސީ ކަޕް

ބަންގުލަދޭޝްގައި މާޒިޔާ އިން އަބަހާނީ ހިފަހައްޓައިފި

އޭއެފްސީ ކަޕްގެ ޕްރިމިލިނަރީ ބުރުގެ ފުރަތަމަ ލެގު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ދާކާ އަބަހާނީ ހިފަހައްޓައިފިއެވެ.

ބަންގުލަދޭޝްގައި މިއަދު އަބަހާނީ އާއި މާޒިޔާ ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މާޒިޔާއަށް އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ލީޑު ހޯދައިދިން ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މެއިލްސަން އަލްވޭސް ވަނީ އަބަހާނީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ 65 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލަނޑެއް ޖަހައި އަލުން ލީޑު ހޯދައިދީފައެވެ. މާޒިޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ފޯވަޑް ކޯނެލިއަސް ސްޓެވާޓެވެ. މާޒިޔާ އިން ލީޑުގައި އޮވެ ނިންމާލަން ދަނިކޮށް، މެޗުގެ 80 ވަނަ މިނެޓުގައި ސަންޑޭ ޗިޒޯބާ ވަނީ އަބަހާނީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ސައުތު ޒޯންގެ ޕްރިލިމިނަރީ ބުރުގައި މާޒިޔާ އިން ދާކާ އަބަހާނީއާ ދެކޮޅަށް ދެން ނުކުންނަން ޖެހޭނީ ރާއްޖޭގައެވެ. ރާއްޖޭގައި ކުޅޭ ދެވަނަ ލެގު މެޗަށް މާޒިޔާ ނުކުންނަން ޖެހޭނީ އަންނަ ބުދަ ދުވަހުއެވެ.

ޕްރިލިމިނަރީ ބުރުން މޮޅުވެއްޖެ ނަމަ، މާޒިޔާއަށް ޕްލޭ އޯފް ބުރުން ޖާގަ ލިބޭނެއެވެ. އެ ބުރުގައި މާޒިޔާއަށް އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ. ޕްރިލިމިނަރީ ބުރުގައި ބެންގަލޫރު އެފްސީން ވާދަކުރަން ޖެހޭނީ ސްރީލަންކާގެ ޑިފެންޑާސް ނުވަތަ ބޫޓާންގެ ޕަރޯ ޔުނައިޓެޑާ ދެކޮޅަށެވެ.

އޭއެފްސީ ކަޕްގެ ގްރޫޕު ސްޓޭޖުން ލީގު ރަނަރަޕް މާޒިޔާ ސްޕޯޓްސް ކްލަބަށް ފުރުސަތު ލިބޭނީ ޕްރިލިމިނަރީ ބުރާއި ޕްލޭ އޯފް ބުރު ކާމިޔާބުކޮށްގެންނެވެ. އެ ދެ ބުރު ކާމިޔާބުކޮށްފި ނަމަ، މާޒިޔާ ވާދަކުރަން ޖެހޭނީ ރާއްޖޭގެ ލީގު ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ބަޝުންދަރާ ކިންގްސް ހިމެނޭ ސައުތު ޒޯން، "ގްރޫޕު އީ" ގައެވެ. ދެން އެ ގްރޫޕުގައި ވާދަކުރާނީ އިންޑިއާގެ ޗެންނާއީ ސިޓީ ނުވަތަ އެފްސީ ގޯއާއެވެ.

މިސީޒަނުގައި ރާއްޖޭގެ އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފެންނަނީ މާޒިޔާއެވެ. މާޒިޔާ އިން ވަނީ މިސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވެސް ކަށަވަރުކޮށްފައެވެ.