ބޮލީވުޑް

މަންމަގެ ފިލްމު ޗަމޭލީ ކީ ޝާދީގެ ރީމޭކަށް ސާރާ؟

ސުޕާ ސްޓާރުން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގުގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާން އަކީ ބޮލީވުޑަށް އަލަށް ނުކުތް ތަރިންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އެއް ތަރިއެވެ.

މިހާތަނަށް ސާރާގެ ދެ ފިލްމެއް ނެރެފައިވާ ވާއިރު އިތުރު ދެ ފިލްމެއް ވެސް ވަރަށް އަވަހަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު މިވަނީ މާ އުފާވެރި ހަބަރެއްވެސް ނޫސްތަކުގެ ސުރުހީއަށް އަރާފައެވެ. ފިލްމުފެއާގެ ރިޕޯޓެއް ބުނާ ގޮތުގައި ސާރާގެ މަންމަ އަމްރިތާ ކުޅެފައިވާ ފިލްމު "ޗަމޭލީ ކީ ޝާދީ"ގައި އަމްރިތާ ކުޅެފައިވާ ރޯލު މިވަނީ ސާރާއަށް ހުށަހަޅާފައެވެ. މި ފިލްމަކީ އަށްޑިހައިގެ އަހަރު ތަކުގައި ކާމިޔާބު ފިލްމެކެވެ. އަނިލް ކަޕޫރާއި އަމްރިތާ ކުޅެފައިވާ އެ ފިލްމު ސާރާ އަށް ހުށަހެޅިކަމުގައި ވިޔަސް އޭނާ އަދި އެ ފިލްމު ކުޅުމަށް އެއްބަސްވެފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މަންމަ ކުޅެފައިވާ ރޯލު ހަމަ އެގޮތަށް އެފެންވަރުގައި ކުޅެވިދާނެތޯ ސާރާ އަންނަނީ ވިސްނަމުންނެވެ.

މަންމައާ ވައްތަރު ކަމުން ސާރާއަށް ފިލްމު އިންޑަސްޓްރީގައި ލިބޭ ތައުރީފު ވަކި ކުޑައެއް ނޫނެވެ. އެހެންކަމުން މަންމަ ކުޅެފައިވާ އެފިލްމުގެ ހަމަ އެ ރޯލު ސާރާ ކުޅުމަކީ ގިނަ ބައެއްގެ އުންމީދެކެވެ.

މިވަގުތު ސާރާ އަންނަނީ ފިލްމު "ލަވް އާޖް ކަލް"ގެ ޕްރޮމޯޝަންތަކުގައި ހަރަކާތްތެރިވަމުންނެވެ. އެ ފިލްމަކީ ސާރާގެ ބައްޕަ ސައިފް އަދި ދީޕިކާ ޕަޑުކޯން ކުޅެފައިވާ ލަވް އާޖް ކަލްގެ ސީކުއިލެކެވެ. ސާރާ އަދި ކާތިކް ލީޑް ރޯލުން ފެނިގެންދާ އެ ފިލްމު ރިލީސްކުރަނީ މިމަހު 14ގައެވެ.

މީގެ އިތުރުން ވަރުން ދަވަން އާއެކު ފިލްމު ކޫލީ ނަންބަރު ވަންގެ ޝޫޓިންތައް ކުރިއަށް ދާއިރު އަކްޝޭ ކުމާރާއި ދަނުޝްއާ އެކު ފިލްމު "އަތުރަންގީ ރޭ" އިން ވެސް ސާރާ ފެނިގެންދާނެއެވެ.