މިނިސްޓަރު އިމްރާން އަބްދުﷲ

ރާއްޖޭގެ ސަލާމަތަށް ގޮންޖެހުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނަން: ހޯމް މިނިސްޓަރު

އަލީ ޔާމިން

ރާއްޖޭގެ ސަލާމަތަށް ގޮންޖެހުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިޔަކު ޒަހަމް ކޮށްލުމަށްފަހު އެހަމަލާގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތަކުން އުފުލާފައި ވަނިކޮށް މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

އިމްރާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ހަމަލާގެ ޒިންމާ ނަގައި ވީޑިއޯ އާންމުކުރި ޖަމާއަތުން ބުނެފައިވަނީ މިއީ އަދި ފެށުމެއް ކަމަށެވެ. އަދި ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ބޭރުގެ ފަރާތްތަތަކަށް ދައްކާ ދެއްކުން އަވާމެންދުރަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށްވެސް ވީޑިއޯގައި ބުނެފައިވެއެވެ.