މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަރައްގީކުރަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލްގެ ލައުންޖުތައް ކުއްޔަށް ދޫކުރާނެ އުސޫލުތައް ފިނޭންސް މިނިސްޓްރީން އާންމުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ، އާ ސީޕްލޭން ޓާމިނަލަކީ ސަރުކާރުން ސޮވްރީން ގެރެންޓީ ދީގެން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށްގެންދިއުމަކީ އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށާއި، ފަސިންޖާ ޓްރެފިކް މެނޭޖުކުރުމަށް ކޮންމެހެން މުހިންމު މަޝްރޫއެއް ކަމަށެވެ.
ސީޕްލޭން އޮޕަރޭޓަރުންނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓުމުގައި އަދި ތަރައްގީކުރުމުގައި މުހިންމު ރޯލެއް އަދާކުރާ ބަޔަކަށްވާއިރު އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ސަރުކާރުން ސީޕްލޭން އޮޕަރޭޓް ކުރުމަށް ބޭނުންވާ އިންފްރާސްޓެކްޗާ ތަރައްގީކޮށް، ހުރިހާ އޮޕަރޭޝަރުންނަށް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މި ސިނާއަތުގެ ކުރިއެރުމަށާއި އަދި އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މުހިންމު ކަމެއް ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެމްއޭސީއެލްއިން ލޯނު ނަގައިގެން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލް ބޭނުންކުރުމާ ގުޅޭގޮތުން ސަރުކާރުން ގޮތްތަކެއް ނިންމައި އެ ނިންމުންތައް އެމްއޭސީއެލްގެ ބޯޑާ ހިއްސާކޮށްފައިވާ ކަމަށެވެ. މިގޮތުން ސަރުކާރުގެ ނިންމުންތައް ނިންމުމުގައި ބަލައިފައިވާނީ އެމްއޭސީއެލްއަށް ލިބެން އޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް އަމަލުކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރުވެސް ކުރަމުންގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަށް އަމަލުކުރުމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ސީޕްލޭން އޮޕަރޭޓަރުން މި ސިނާއަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ގޮތަކަށް އަމަލު ކުރުމަށް ކަމަށް ބަޔާނުގައިވެއެވެ.
މީގެ އިތުރުން މިހާރު ސީޕްލޭން އޮޕަރޭޓްކުރަމުންދާ ބައެއް ފަރާތްތަކުން އެފަރާތްތަކަށް އަމިއްލައަށް އިންވެސްޓްކޮށްގެން މިހާރު ހަދާފައިވާ ޓާމިނަލްތައް ހުސްކުރަން ޖެހިފައިވުމާއި އަދި މިކަމާ ގުޅިގެން އެފަރާތްތަކަށް އެމްއޭސީއެލްއިން ދީފައިވާ ކޮމިޓްމެންޓްތަކަށް ރިޔާއަތްކޮށް އެފަރާތްތަކާ މެދު އިންސާފުވެރިކަމާއެކު އަމަލު ކުރުމުގެ އިތުރުން، މިފަރާތްތަކީ ފޮރިން އިންވެސްޓްމެންޓްތަކެއް ކަމަށް ވުމާއެކު ބޭރުގެ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމަށް އޮތް އިތުބާރާއި ޔަގީންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ނިންމުންތައް ބައްޓަން ކުރުމަށްވެސް ސަރުކާރުގެ މި ނިންމުމުގައި ރިއާޔަތްކޮށްފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިކަމާ ގުޅިގެން ތައާރަފްކޮށްފައިވާ ރިޕޯޓުގައި ޓީއެމްއޭއިން މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓާމިނަލްއަކީ އެ ފަރާތުން އަމިއްލައަށް އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ ސީޕްލޭން ޓާމިނަލްއަކަށް ވެފައި އެފަރާތުން ރިލޮކޭޓްކުރާއިރު އިތުރު ހަރަދުތަކެއް ހިނގާނެތީއާއި އެފަރާތުން މިހާރު ދެމުންގެންދާ ހިދުމަތްތައް ދިނުމަށް އެއާ އެއްވަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލްއިން ހަމަޖެއްސުމަކީ އެ އޮޕަރޭޓަރަށް އިންސާފުވެރި ގޮތްކަމަށް ސަރުކާރުން ދެކޭ ކަމަށެވެ.
އާ ސީޕްލޭން ޓާމިނަލް އަވަހަށް ހުޅުވައި ހިދުމަތްދޭން ފެށުމަކީ އާ ރަންވޭ ބޭނުންކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އާ ސީޕްލޭން ޓާމިނަލުގެ ސަބަބުން އެމްއޭސީއެލްއަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށްވެސް ފިނޭންސްއިން ބުނެފައިވެއެވެ.
އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ އާއެވެ. ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.
ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހުއެވެ. ޓާމިނަލްގެ ސްޓްރަކްޗާ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ އިންޓީރިއާ މަސައްކަތްތަކެވެ.