ބޮލީވުޑް

އިންޑިއާގެ އެންމެ ނުފޫޒުގަދަ 10 ސެލެބްރިޓީޒްގެ ތެރޭގައި އާލިއާ

ބޮލީވުޑްގެ ކެރިއާ ފެށިފަހުން އާލިއާ ބަޓް އަންނަނީ އަމިއްލަ ބްރޭންޑެއް އިންޑަސްޓްރީގައި އުފެއްދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ބައެއް ފިލްމުތައް ފްލޮޕް ވި ކަމުގައި ވިއަސް އެއާ ވިދިގެން ދެން އެއަށް ވުރެ ޗެލެންޖިން ރޯލުތަކެއް ކުޅެ އާލިއާ ވަނީ އެ ލިބޭ ފްލޮޕް، ކާމިޔާބީއަށް ބަދަލު ކޮށްފައެވެ.

އާލިއާގެ ކޮންފިޑެންސްއާ ޖެހިލުން ކުޑަ ރޯލުތައް ކުޅުމަށް ކެރުން ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ ބަތަލުންގެ ތެރޭގައި އޭނާގެ ނަންވެސް ހިމެނިގެން ދިޔަ ކަމަކަށެވެ.

އިންޑިއާގެ ޔޫގަވްސް އިންފްލުއެންސާ އިންޑެކްސް 2018 އިން ހެދި ދިރާސާ ރިޕޯޓަކުން ދެއްކި ގޮތުގައި އާލިއާ އަކީ އިންޑިއާގެ އެންމެ ނުފޫޒުގަދަ 10 ސެލެބްރިޓީޒްގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.

މި ލިސްޓުގައި ބޮލީވުޑް ތަރިންގެ ތެރެއިން ދެން ހިމެނެނީ އަމީތާބް ބަޗަން (އެއް ވަނައިގައި)، ދީޕިކާ ޕަޑުކޯން (ދެވަނައިގައި)، އަކްޝޭ ކުމާރު (ފަސްވަނައިގައި) އަދި ޕްރިޔަންކާ ޗޯޕްރާ (އަށްވަނައިގައި) އެވެ. އަދި ޝާހުރުކް ޚާން އާއި އާމިރު ޚާންވެސް ލިސްޓުގައި ވެއެވެ. އާލިއާއަށް ލިބިފައިވަނީ ނުވަ ވަނައެވެ.

މީގެ އިތުރުން އާލިއާ އަކީ މި ލިސްޓަށް ނަން އެރި އެންމެ ހަގު ސެލެބްރިޓީވެސް މެއެވެ.

ލިސްޓުގައި ދެން ހިމެނޭ ތަރިންނަކީ ކްރިކެޓްގެ ދުނިޔެއިން އެމްއެސް ދޯނީ އަދި ވިރާތު ކޯލީއެވެ.

އާލިއާ މިހާރު ގެންދަނީ ޒޯޔާ އަޚްތަރުގެ ފިލްމް "ގުލީ ބޯއީ" ގައި މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އޭނާއާ އެކު ރަންވީރު ސިންގް ލީޑު ރޯލުން ފެންނާނެއެވެ. މީގެ އިތުރުން އަބީޝެކް ވަރްމާގެ "ކަލަންކް" އާއި އަޔާން މުކަރްޖީގެ "ބްރަހްމަސްތްރާ" ގެ މަސައްކަތް ވެސް އާލިއާ އަންނަނީ ކުރަމުންނެވެ.